މިއަދު ޤާނޫނެއް އޮތީ ރައްޔިތުން ދަންމަޅި ޖެއްސުމަށް: ދިޔާނާ

މިއަދު ޤާނޫނެއް އޮތީ ރައްޔިތުން ދަންމަޅި ޖެއްސުމަށް: ދިޔާނާ

Author
މުޙައްމަދު ޝަޒައިމް
10 ފެބްރުއަރީ 2021 01:16
0

މިއަދު ރާއްޖޭގައި ހެދިފައިވާ ޤާނުނުތަކުގެ ބޭނުމަކީ ރައްޔިތުން ދަންމަޅި ޖެއްސުން ކަމުގައި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި މަޤާމުން ދުރުކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގަތުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ދިޔާނާ ވިދާޅުވީ ޤާނޫނަކީ ވަކި މީހަކަށްވީތީ، ނުވަތަ މަކިމީހެއްގެ މަޤާމަކުން، ސައިޒަކުން އަރާ ހަަމަނުކުރެވޭ އެއްޗަކަށް މިއަދު ވެފައިވާކަމަށެވެ. މިއަދު ފެނިގެންދަނީ ވަކި މީހަކަށްވުމުން ޤާނޫނު ނުހިނގައި އާންމު ރައްޔިތުންނަށް އެކަނި ހިނގާ އެއްޗަކަށް ވެފައިވާތަންކަމަށެވެ.

މިތަނުގައި އެބުނާ ޤާނޫނެއް އޮތީ ރައްޔިތުން ދަންމަޅި ޖެއްސުމަށް. މިއީ އަދީބް މެން އަލީ ވަހީދު މެންފަދަ ބޮޑެތި ބޭފުޅުންގެ މައްޗަށް އޮތް އެއްޗެއްނޫން.

– ދިޔާނާ ވިދާޅުވިއެވެ.

ދިޔާނާ އަކީ ޤާނޫނީ ގޮތުން މިފަދަ ކަންކަމަށް އަބަދުވެސް ފާޑުވިދާޅުވެ ކަންކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. ޤާނޫނުގެ ކުރިމަތީގައި ވަކި މީހަކަށް ވަކި ގޮތެއް ހަދައި ޤާނޫނީ ބާރު ވަކި ބަޔަކަށް ނުހިގާކަމަށް މީގެ ކުރިންވެސް އެތައްފަހަރަކު ދިޔާނާވަނީ ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ދިޔާނާ މިއަދު ކަންބޮޑުވުން ފާޅު ކުރެއްވި މައްސަލަޔަކީވެސް މިސަރުކާރުން ޒީރޯ ޓޮލަރެންސް ދީފައިވާ މައްސަލައެއްގައި ޝާމިލުވި ދައުލަތުގެ އިސްމަޤާމެއް ފުރުއްވި ބޭފުޅަކު ރާއްޖެ ދޫކޮށް ފުރައިގެން ދިއުމުގެ ފުރުސަތު ދިނުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރައްވާފައިވާ ޓްވީޓެކެވެ. އަލީ ވަހިދުގެ މައްޗަަށް 7 ދައުވާއެއް ވަނީ އުފުލާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ އަނިޔާ ކުރިކަަމަށް ތުހުމަތުކުރެވޭ މައްސަލާގައި އޭނާގެ ގެ ބަލައި ފާސްކޮށް، 15 މީހެއްގެ ބަޔާން ނަގާފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި މިމައްސަލާގެ ތަހުޤީގަށް ސުވާލުކުރުމަށް ޢަލީ ވަހީދުވެސް ވަނީ ފުލުހުންގެ ޢިދާރާއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅޭ އިތުރު ހެކި ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.