އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ހުކުރު ދުވަހުގެ މުޒާހަރާއަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކާއި، އިންސާނީ ހައްގުތައް ކަށަވަރުނުވެ، ރައްޔިތުންނަށް އަނިޔާވެރިވަމުންދާތީ ހައްގުތައް ހޯދައި، ސަރުކާރު ޒިންމާދާރު ކުރުމަށް ބާއްވާ މުޒާހަރާއެއްކަމަށެވެ. މި މުޒާހަރާގައި ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ރައްޔިތުންނަށް އަޅާދެއްވި ހިޔާ ފްލެޓުތަކުގެ ހައްގުވެރިންގެ އަތުން ފްލެޓްތައް ނިގުޅައިގަނެ، ވަކި ބަޔަކަށް ފަލެޓްދީ އިންސާފުން ބޭރުން ލިސްޓުތަކަށް ގެނައި ބަދަލުތަކާއި ދެކޮޅަށްވެސް އަޑު އުފުލުމަށް ވަނީ ހަމަޖެހިފައެވެ.
މި މުޒާހަރާގައި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި ރައްޔިތުން ނިކަމެތިވެ، ޒުވާނުން ބިކަވަމުންދާތީ އެފަރާތްތަކަށް ލިބެންޖެހޭ ހައްގު ހޯދައި ދިނުމަށާއި، ރައްޔިތުންނަށް ބޭނުންވާ ހައްގުތައް ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާނެކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
އިިދިކޮޅު ކޯލިޝަނުން ދަނީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބު ދާރީ ކުރުމަށް މާލެއާއި އަތޮޅު ތެރޭގައި ސިލްސިލާ ގޮތެއްގައި މުޒާހަރާތަކާއި އެއްވުންތައް ބާއްވަމުންނެވެ. ނަމަވެސް ގިނަ އެއްވެންތައް ކުރިއަށް ދިއުމަށް ހުރަސްއަޅައި، ގިނަ ބަޔަކު އެކި ފަހަރުމަތީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުޒާހަރާތައް ވަނީ ހުއްޓުވާފައެވެ. ނަމަވެސް ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިން ބުނެފައިވަނީ އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމަކީ މިސަރުކާރުން އިޖާބަދީ އަބަދުވެސް މަރުހަބާ ކިޔާނެ ކަންތައްތަކެއްކަމަށެވެ.
ކޮމެންޓު ފޮނުވާ