ރާއްޖޭގައި މިއަދު އޮތް އިކޮނޮމީއަކީ "ޕޯން" އިކޮނޮމީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ މައިޕާޓީއަށް ނިބަތްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހޭދަކުރާ ބޮޑު ބައެއް އިންޓަރނެޓަށް ހޭދަ ކުރަންޖެހޭއިރު، މިކަން އެންމެބޮޑަށް ކުރަމުންދަނީ ސަރުކާރުގެ ވުޒާރާތަކުގެތެރޭގައި ކަމަށެވެ. އޭނާ ވިދާޅުވީ އޮރިޔާން ސައިޓުތަކަށް ވަނުމާއި، އޮރިޔާން ސައިޓުތަކުގައި ހުންނަ މަންޒަރާއި ވީޑިއޯ ބެލުމަކީ މިނިސްޓްރީތަކުން އާންމުކޮށް ކުރަމުންދާ ކަންތައްތަކެއްކަމަށެވެ.
ރާއްޖޭގައި ފަދަ ސައިޓުތަކަށް ވަންނަ މީހުންގެ ނިސްބަތުން އެންމެ ގިނައީ ސަރުކާރުގެ ވުޒާރާތަކުން ވަނަން މީހުން ކަމަށާއި ސަރުކާރުގެ ވުޒާރާތަކުން މިފަދަ ކަންކަން ކޮށް ޖިންސީ ފުރައްސާރައިގެ އަމަލުތަކާއި، ޖިންސީ ގޯނާގެ ކަންކަން ކުރާ ތަންތަނަށް މިއަދު ވެފައިވާކަމަށެވެ. އޭނާ ވިދާޅުވީ މިސައިޓުތަކަށް އިސްލާމިކް މިނިސްޓްރީންވެސް ވަންނަ ކަމަށެވެ. އިސްލާމިކް މިނިސްޓްރީވެސް މިފަދަ ސައިޓުތަކަށް ވަނުމަށްފަހު ދެން ދައްކާ ވާހަތައް އަޑު އެހުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްތައް ބަލާ ކޯއްޗަކަށްތޯ ވަންނަނީ. އެތަންތަނަށް ވަދެފައި ޖިންސީ ފުރައްސާރަކޮށްފައި އެހުރިހާ ކަމެއް އެބަކުރޭ. ޕޯން ސައިޓުތަކަށް އެބަވެދެއޭ. ބައްލަވާ ޕޯން ސައިޓުތަކަށް ވަންނަނީ. ދައުލަތުން އެބަޖެހޭ 200 މިލިޔަން ރުފިޔާ ޚަރަދުކުރަން މިކަމަށް.
– ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ރާއްޖޭގައި އޮތީ އިޤްތިޞާދީ ފްރީ މަކެޓެއްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާ ބޭފުޅުން ދައްކަވަނީ ރަނގަޅު ވާހަކައެއް ނޫންކަމަށެވެ. ރާއްޖޭގައި އޮތީ އިޤްތިޞާދީ ފްރީ މާކެޓެއް ނޫންކަމަށާއި، ރާއްޖޭގައި އޮތީ "ޕޯން" އިކޮނޮމީއެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ނުހުއްޓުވިފައިވާ ކަމެއްކަމަށާއި، މިކަމުގައި ސަރުކާރުގެ އިސްވެރިންވެސް އަދި މިކަން ހުއްޓުވުމަށް ތިއްބެވި ބޭފުޅުންވެސް ޒިންމާ ނަގަންޖެހޭކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ