މިޔުޒިކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ދިވެހިން ނިކަމެތި ކުރުމަށް ހިންގޭ އަމަލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރާއި ގުޅިގެން ގިނަ އިލްމުވެރިން އެބޭފުޅުންގެ ޝުއޫރު ފާޅު ކުރައްވައި މިކަމާއި ދެކޮޅަށް އަޑު އުފުލަމުންދާތީ ރައީސް ނަޝީދު ވިދާޅުވީ މިއީ ދިވެހިން ބަލައިގަންނަ ކަންކަމާއި ދެކޮޅު ވާހަކަަތަކެއްކަމަށެވެ.
މިޔުޒިކަކީ ދިވެހިންގެ އާންމު ދިރިއުޅުމާއި ޒަމާނުއްސުރެ ގުޅިފައިވާ ކަމަކަމަށްވާއިރު އެކަން ހަރާމް ކުރުމަށް ކުރެވޭ މަސައްކަތަކީ ދިވެހިނ ނިކަމެތި ކޮށްލުމަށް ހިންގޭ ކަމެއްކަމަށެވެ. އަދި އެއީ ދިވެހިންގެ އެއްބައިވަންކަން ރޫޅާލައި ދިވެހިންގެ މުޖުތަމައުގެ އިޖުތިމާއީ ފޭރާން ބަލިކަށި ކޮށްލުމަށް ހިންގޭ ކަމެއްކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވިއެވެ.
މިޔުޒިކަކީ ގިނަ ދިވެހިންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް. ބައެއްގެ އާންމު ދިރިއުޅުން ހަރާމް ކަމަށް ގޮވުމަކީ އެބައެއްގެ މުޖުތަމައު ރޫޅާލުމަށް ހިންގޭ މަސައްކަތެއް. ދިވެހިން ނިކަމެތި ކުރުމަށް ހިންގާ އަމަލެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ދީނީ ގޮތުން ހުއްދަ ލިބިފައިވާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހުކުމްތައް ބަޔާންކޮށް އެކަން ސާފުކޮށް ދިނުމަކީ އެބޭފުޅުންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ.
އިސްލާމް ދީނުގެ ޙުކުމްތަކަށް އިޙްތިރާމްކޮށް މަތިވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވާ ވާޖިބެކެވެ. އަދި ދީނުގެ ޙުކުމްތައް ބަޔާންކުރުމަކީ ދީނުގެ ޢިލްމު އުނގެނިގެން ތިބި، ދީނީ ނަޞޭޙަތް ދިނުމާއި ވަޢުޒު ބުނުމުގެ ހުއްދަ ލިބިފައިވާ ޢިލްމުވެރިންގެ ޒިންމާއެކެވެ.
– އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މި ޤަރަރާރަށް ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ ލަވަޔާއި، މިއުޒިކަކީ ހަރާމް އެއްޗެއްކަމަށް ކަނޑަނޭޅޭނެ ކަމަށެވެ. އެއީ ދީނުގައި ޚިލާފް އުފެދިފައިވާ ކަމަކަށްވުމުން އެފަދަ ވާހަތައް ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް އިލްމުވެރިން ވާހަކަ ދައްކަމުންދާކަމަށެވެ. އެމްޑީޕީ މެމްބަރުންގެ ވާހަތަކަށް ބާރު ދެއްވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މިއަދު ވާހަކަ ދައްކަވާފައެވެ. މަޖިލިސް ރައީސް ވިދާޅުވީ ބައެއް އިލްމުވެރިން ދައްކަވާ ވާހަތަކާއިމެދު މިއަދު ރައްޔިތުން އިތުބާރު ނުކުރައްވާކަމަށެވެ.
ކޮމެންޓު ފޮނުވާ