އައްޑޫ ސިޓީއާއި ތިނަދޫގައި ކޯވިޑުގެ ނުރައްކާތެރިކަން ބޮޑުވެފައިވަނީ ސަރުކާރުގެ އިހުމާލުންކަމަށް ވާތީ، ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށް އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ގޮވާލައިފިއެވެ.
މާލެ ފިޔަވާ ރާއްޖޭގެ އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީއިން ކޯވިޑް 19 އިގެ ކޭސްތަކެއް ފެނި އެ ސިޓީގައި ކޯވިޑް 19 ފެތުރެމުން ދާތީ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އައްޑޫ ސިޓީގައި ކޯވިޑް 19 ފެތުރެން ފަށާފައިވަނީ ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުވާ ކުޑަ ކުރުމުގެ ސަބަބުންކަމަށެވެ. އަދި މިއީ ސަރުކާރުގެ ފަރާތުން ކަންކަން ބަލަންވާވަރަށް ނުބަލާ ސިޔާސީ މަޤްޞަދުތައް ޙާސިލުކުރުމަށްޓަކައި ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ސިޔާސީ އަދި ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުން ދަތުރު ފަތުރު ކުރުމުގެ ހުއްދަ ދެމުން ގެންދިއުމުގެ ނަތީޖާއެއްކަންވެސް ފާހަގަކޮށްފައިވެއެވެ. މިކަމުގައި ސަރުކާރުގެ އިހުމާލު ވަރަށް ބޮޑު ކަން މިބަޔާނުގައި ބުނެފައިވެއެވެ.
ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމާއެކު، ރާއްޖޭގެ ކަންކޮޅުތަކުގައި ކޯވިޑް 19 ފެތުރުން ހުއްޓުވުމުގެ އަވަސް ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލަން. އަދި މިހާރު ވައިރަހުގެ އަސަރު ހުރި ސަރަޙައްދުތަކުގައި ފަސޭހަކަމާއެކު، ފަރުވާ ލިބޭނޭ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް ގޮވާލަން. ހަމަ އެއާއެކު އައްޑޫ ސިޓީއާއި ތިނަދޫއަށް މިވައިރަހުގެ އަސަރުކޮށްފައި ވަނީ ސަރުކާރުގެ އިހުމާލުންކަމަށް ވާތީ، ދިވެހި ރައްޔިތުންގެ ކިބައިން މަޢާފަށް އެދުމަށްވެސް ގޮވާލަން.
– އިދިކޮޅު ބަޔާނުގައި ވެއެވެ.
އައްޑޫ ސިޓީއިން ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކެއް ފެންނަން ފަށާފައިވަނީ ބަލަންވާވަރަށް ނުބަލާ، އެ ސިޓީއަށް ސަރުކާރުގެ ބަޔަކު ދަތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ދިން ޚާއްސަ ހުއްދައިގެ ދަށުން އެސިޓީއަށް ޒިޔާރަތް ކުރި ބައެއްގެ ސަބަބުން ކަމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، އައްޑޫ ސިޓީ ނޫނަސް ރާއްޖެގެ ކަންކޮޅުތަކަށް މިފަދަ ދަތުރުތައް ސިޔާސީ ބޭފުޅުން މިހާރުވެސް ކުރައްވަމުން ގެންދަވާކަމީ ހިތާމަހުރިކަމެއްކަމަށް އިދިކޮޅު ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ