މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަށް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު ޕްރެސް ކޮންފަރެންސުގައި އާއެއްވެސް މައުލޫމާތެއް ހާމަނުވެ، ޕްރެސް ނިންމާލައިފިއެވެ.
މިއަދުގެ ޕްރެސް ކޮންފަރެންސް ހާއްސަ ކޮށްފައިވަނީ ވަގަށް ނަގައި މަރާލާފައިވާކަމަށް ބެލެވޭ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައަށެވެ. މިއަދުގެ ޕްރެސް ފަށަމުން ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމެންޓް ކައިރިން ގަދަކަމުން ކާރަކަށް އަރުވަން އުޅުމުގެތެރޭގައި ވެއްޓުނު ވަޅީގެ ފޮޓޯއެއް އާއްމުކޮށް އެ ވަޅިއާއި ބެހޭ މައުލޫމާތު ހިއްސާކޮށްދިނުމަށް ކޮމިޝަނުން ވަނީ އެދިފައިވާނެކަމަށެވެ. އަދި ސައްހަ މައުލޫމާތު ހިއްސާކޮށްދޭ ފަރާތަކަށް 500،000 ދިވެހި ރުފިޔާ ދިނުމަށް ނިންމާފައިވާކަމަށެވެ.
މިމައްސަލާގައި މިހާބޮޑު އިނާމެއް ހުށަހަޅާފައިވަނީވެސް މިވަޅިއަކީ މިމައްސަލައިގެ ވަރަށްބޮޑު ހެއްކެއްގެ ގޮތުގައި ބެލެވޭތީކަމަށެވެ. އަދި މިހާރު މިވަޅި ރާއްޖެއިން ބޭރަށް ފޮނުވައިގެން އިތުރު ތަހުލީލު ކުރަމުންދާކަމަށެވެ. މިސްބާހު ވަނީ މި މިއްސަލައަކީ ތަހުގީގް ކުރަމުންދާ މައްސަލައަކަށްވުމުން ނޫސްވެރިން ކުރި ގިނަ ދުވާލުތަކަށް ޖަވާބު ދެއްވުމަށް އުޒުރުވެރި ވެފައެވެ.
މިއަދުގެ ޕްރެސްގައި ނޫސްވެރިންވަނީ ކޮމިޝަނަށް 2 އަހަރު ވެގެން ގޮސްފައިވާއިރު މިހާތަނަށް ހާސިލް ކުރެވުނީ ކޮންކަމެއްތޯ ސުވާލު ކޮށްފައެވެ. ޖަވާބުގައި ކޮމިޝަންގެ މެމްބަރު މިސްބާހު ވިދާޅުވީ ގިނަ ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ. އެގޮތުން 27 މައްސަލައެއް ބަލައި ބައެއް މައްސަލަތަކުގެ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވާކަމަށެވެ. އަދި ކޮމިޝަނުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން މިހާތަނަށް 11 މީހެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް މިސްބާހު ވިދާޅުވިއެވެ.
މިއަދުގެ ޕްރެސްގައި މަރުކޮމިޝަނުން ބަލަމުންދާ މައްސަލަތަކުގެ ގިނަ މައުލޫމާތުތަކެއް ހާމަކުރެވިގެންދާނެކަމަށް ގިނަ ބަޔަކު ގަބޫލުކޮށް މި ޕްރެސްއަށް އިންތިޒާރު ކުރިނަމަވެސް މީގެ ކުރިންވެސް ލިބިފައިވާ މައުލޫމާތުތަކަށްވުރެ އިތުރު އާ މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ. ނޫސްވެރިޔާ ރިލްވާންގެ މައްސަލަ ކޮމިޝަނުން މިހާރު ތަހުޤީގުކުރަމުން އަންނަނީ އައިލާގެ އެދުމުގެ މަތިން ރާއްޖެއިން ބޭރުން ގެނައި އިންވެސްޓިގޭޓިވް އޮފިސަރަކާއި އެކުއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ޤާނޫނީ ބާރުދީ ބޮޑެތި އިޚްތުޔާރުތައް ވަނީ ދެއްވާފައެވެ. ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސްނުއްސުއޫދު ސްޕްރީމްކޯޓަށް އައްޔަން ކުރައްވާފައިވާއިރު، ކޮމިޝަނުން އެހެން ދެ މެމްބަރަކުވެސް އިސްތިއުފާ ދެއްވާފައިވެއެވެ. މަރުކޮމިޝަނަށް ދެއަހަރަށް ވުރެ ގިނަ ދުވަސް ވެގެންދާއިރު، މިހާތަނަށް މާބޮޑު ކުރިއެރުންތަކެއް ކޮމިޝަނަށް ހޯދިފައިނުވާތީ ކޮމިޝަން އުވާލުމަށް މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވެސް ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ