ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވިގޯއާ 2-2 އިން އެތުލެޓިކޯ މެޑްރިޑް އެއްވަރުވެއްޖެ އެވެ.
ރޭގެ މެޗުގެ 13 ވަނަ މިނިޓްގައި ސެލްޓަގެ ސަންޓީ މިނާ ބޮލުން ޖެހި ގޯލުން އެ ޓީމު ލީޑުނެގި އެވެ. ސުއަރޭޒް އެތުލެޓިކޯ ކޮޅަށް ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ ފަހު ކޮޅާއި ދެ ވަނަ ހާފްގެ ކުރީކޮޅުގައި ލަނޑުތައް ޖަހައިގެންނެވެ. އެތުލެޓިކޯ މޮޅުވާނެ ކަމަށް ނިންމައިގެން ތިއްބާ ސެލްޓަ އިން އެއްވަރުކުރީ މެޗުގެ ފަހު މިނިޓުގައެވެ. މި ގޯލު ކާމިޔާބުކުރީ ފަކުންޑޯ ފެރޭރާ އެވެ.
ސުއަރޭޒް ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު އޭނާ ވަނީ އެތުލެޓިކޯ އަށް ލީގުގައި ކުޅުނު ފުރަތަމަ 17 މެޗުން 16 ގޯލު ޖަހާދީފަ އެވެ. މިއީ މިދިޔަ 20 އަހަރު ތެރޭ ސްޕެނިޝް ލީގުގައި އާ ކްލަބަކާ އެކު ނުކުމެ ކުޅުންތެރިއަކު އެންމެ އަވަހަށް މި އަދަދަށް ގޯލު ޖެހި ފަަހަރެވެ. މީގެ ކުރިން މި ރެކޯޑް އޮތީ 2009-2010 ވަނަ އަހަރު ރެއާލާ އެކު ނުކުއިތް ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރެއާލަށް ބަދަލުވި ފުރަތަމަ ސީޒަނުގައި ރޮނާލްޑޯ ވަނީ ލީގުގެ ފުރަތަމަ 18 މެޗުން 15 ގޯލު ޖަހާފަ އެވެ.
މިއީ ލީގުގައި އެންމެ ފަހުން އެތުލެޓިކޯ ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅެއް ނުލިބި ނިންމާލި ފުރަތަމަ މެޗެވެ.
ރޭގެ މެޗުން އެތުލެޓިކޯ އެއްވަރުވުމުން އެއް ވަަނާގައި އެ ޓީމުގެ ލީޑުވަނީ އަށް ޕޮއިންޓަށް ކުޑަވެފަ އެވެ. އެތުލެޓިކޯ އެއް ވަނާގައި އޮތީ 20 މެޗުން 51 ޕޮއިންޓާ އެކު އެވެ. ދެ ވަނާގައި އޮތް ބާސެލޯނާ އާއި ތިން ވަނާގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން 43 ޕޮއިންޓް ހަމަކޮށްފައިވަނީ 21 މެޗު ކުޅެގެންނެވެ.
ކޮމެންޓު ފޮނުވާ