ޑރ.އިޔާޒު އެމްޑީޕީ މެމްބަރުންނަށް: ރޫހާނީ ލީޑަރުގެ އަމަލުތަކަށް އެހެން މީހުން ފައްތަވަން ނަހައްދަވާ!

ޑރ.އިޔާޒު އެމްޑީޕީ މެމްބަރުންނަށް: ރޫހާނީ ލީޑަރުގެ އަމަލުތަކަށް އެހެން މީހުން ފައްތަވަން ނަހައްދަވާ!

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 10:55
0

އެމްޑީޕީގެ ރޫހާނީ ލީޑަރާއިއެކު މަގުފުރެދި ހަލާކުވާން ބޭނުންވާ މީހުންގެ ތެރޭގައި އެކަމަށް ހުށަނޭޅޭ މީހުން ހިމެނުމަށް މަސައްކަތް ނުކުރެއްވުމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

ޑރ.އިޔާޒު މިފަދައިން ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ޖަލްސާއަށް ހުށަހެޅުނު ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރިންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް ހުށަހަޅާފައިވާ ޤަރާރާއި ގުޅޭގޮތުން މަޖިލީހުގައި ކުރެވުނު ބަހުސްއަށް އިޝާރާތް ކުރައްވައެވެ.

ޑރ.އިޔާޒު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ރޫހާނީ ލީޑަރާއިއެކު މަގުފުރެދި ދިއުމަށް ބޭނުންވި ކަމުގައި ވީނަމަވެސް އެކަމަށް ހިތްނޭދޭ އަދި އެކަމުގައި ބައިވެރިވާން ބޭނުން ނުވާމީހުން ބައިވެރިކޮށް އޭގެ ތެރެއަށް ފައްތަން ނޫޅުއްވުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.

ވަރަށް އިޙްތިރާމް އާއި އެކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނަށް ދަންނަވަން. ތިޔަ ބޭފުޅުންގެ ރޫހާނީ ލީޑަރާއި އެކު މަގުފުރެދި ހަލާކުވާން ބޭނުންވިޔަސް އެހެން މީހުން ތިޔަ ކަމުގެ ތެރެއަށް ފައްތަވަން ނޫޅުއްވާ. ހެޔޮނުވާނެ.

– ޑރ.އިޔާޒު ވިދާޅުވިއެވެ.

ޑރ.އިޔާޒު ވިދާޅުވީ ކީރިތި ރަސޫލާގެ ހަދީސްގެ ބަސްފުޅެއްގެ މާނާގައިވާ ގޮތުން ގަސްދުގައި އެކަލޭގެފާނުގެ މައްޗަށް ދޮގެއް ހަދައިފި މީހާއަށް ނަރަކާގައި ޖަގަހައެއް ތައްޔާރު ވާނެ ކަމަށެވެ. އިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި ވާހަކަފުޅު ދައްކަވާ އިރު އެކަމަށް ސަމާލުވެލައްވަން ޖެހި ވަޑައިގަންނަވާ ކަމަށާއި ހިތުހުރިހާ ވާހަކަ ނުދެއްކޭނެ ކަމަށެވެ. އަދި ހަރާމާއި ހަލާލު ކަނޑަ އެޅުން އެއީ މަޖިލީހުގެ މެމްބަރަކަށް ވެވަޑައިގެންނެވި ނަމަވެސް ލިބިގެންވާ ބާރެއް ނޫން ކަމަށާއި އެކަން ކަނޑަ އަޅުއްވާނީ މާތް ﷲ އާއި ކީރިތި ރަސޫލާ ކަމަށް އިޔާޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.