149 ކިލޯ ޑްރަގު މައްސަލަ: ފުލުހުންގެ އިހުމާލު ބޮޑު މައްސަލައެއް

149 ކިލޯ ޑްރަގު މައްސަލަ: ފުލުހުންގެ އިހުމާލު ބޮޑު މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
08 ފެބްރުއަރީ 2021 06:04
0

ގދ.ފަޅުރަށެއްކަމަށްވާ ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގާނޫނާއި ޖިނާއީ އިޖްރައާތާ ޚިލާފަށް ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

މިމައްސަލާގައި މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މިމައްސަލަޔަކީ ޕީޖީ މަޤާމާއި ހަވާލުވުމުގެ ކުރިން ހިނގާފައިވާ މައްސަލައެއްކަމަށެވެ. ޕީޖީވަނީ ކޮމިޓީގައި މިމައްސަލާގައި ފުލުހުން އެންމެ ފުރަތަމަ ވަގުތުން ފެށިގެން އަމަލުކޮށްފައިވާ ގޮތް ހިއްސާ ކުރައްވާފައެވެ. ވަރަށް އާދައިގެ އިޖްރައާތުތަކާ ޚިލާފަށް ފުލުހުން އަމަލު ކޮށްފައި ހުރުމުން ފުލުހުންގެ އިހުމާލު އޮތް ކަމަށް ގަބޫލު ކުރަންތޯ މެމްބަރަކު ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އެ ކޮމެޓީ ސިއްރު ކޮށްގެން ގެންދާއިރު އޭގެ ތަފްސީލު ދެއްވާނެ ކަމަށެވެ. އިތުރު ތަފްސީލު އޭނާ ހާމަ ކުރެއްވީ ކޮޮމެޓީ ސިއްރު ކޮށްގެން ގެންދިޔަ ބައިގަ އެވެ.

ގދ. ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފުލުހުން ހޯދި 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ގދ. ގައްދޫ ކޯޓުގައި ދައުވާ އުފުލީ އެމައްސަލައިގައި ހައްޔަރުކުރި 5 މީހެއްގެ މައްޗަށެވެ. މީގެތެރެއިން 4 މީހެއްގެ މައްޗަށް އުފުލާފައިވަނީ ޑައިފޯމިން ޓްރެފިކް ކުރުމުގެ ދައުވާއެވެ. އަނެއް މީހާގެ މައްޗަށް އުފުލާފައިވަނީ އެކަމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާއެވެ.

ޕީޖީ ވިދާޅުވީ ފުލުހުން މިކަމުގައި ޝާމިލުވާ މީހުންނާއިއެކު ގައްދޫއަށް ގޮސް އެރަށުގެ ގޭގެއަށް ވަދެ މީހުން ހައްޔަރު ކުރުމާއި ހައްޔަރަށް ނުވާ ގޮތުން މީހުން ބަންދު ކުރެވޭނެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާ އަދި ހައްޔަރު ކުރުމަށް ފަހު ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ގިނަ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާކަމަށެވެ. ޝަމީމް ވިދާޅުވީ 2019 ވަނަ އަހަރު މ. އުޖާލާގޭގައި ފުލުހުން މީހަކަށް އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ހިމެނޭ ފަސް ފުލުހަކު ވެސް 149 ކިލޯގެ ޑްރަގް އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަަމަށެވެ.

މިމައްސަލައިގައި ފަސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގއ. ކޮނޑޭ ގަހާކޯޅި، އަހުމަދު އަނީލް (34)، ގއ. ނިލަންދޫ ދިހްޝާންވިލާ އަލީ ޝާކިރު (30)، ގދ. ގައްދޫ އެދުރުގެ، އަހުމަދު ހާމީމު (42)، ގއ. ކޮނޑޭ ރޮމޭންސް ޝަފީޒް މުހައްމަދު (35)، އަދި ގދ. ގައްދޫ އެދުރުގެ ޔާމިހް ހާލިދު (23) އެވެ.

މިމައްސަލަ އަލުން ތަހުގީގު ކުރެވިދާނެތޯ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ. ޕީޖީ ވިދާޅުވީ އެއީ އިތުރަށް ބަލަން ޖެހޭ މައުލޫއެއް ކަމަށެވެ. މި މައްސަލައިގައި ހުރިހާ އިދާރާއަކުން އިހުމާލު ވެފައިވާކަން ކޮމިޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގައި ފުލުހުން، ޕީޖީ، ކްރިމިނަލް ކޯޓު އަދި ޖޭއެސްސީ ވެސް އިހުމާލުވެފައިވާ ކަމަށެވެ.

149 ކިލޯގެ މައްސަލާގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހަދާފައި ހުރި ބޮޑެތި ގޯސްތަކުގެ ސަބަބުން ދައުވާ ނުކުރަން ޕީޖީ އޮފީހުން ކުރިން ވިސްނުން ގެންގުޅުނުކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. އޭރު އެ ދައުވާކުރީ މުޖްތަމައުގެ އާންމު މަސްލަހަތަށް ރިއާޔަތްކޮށް، ކުރީގެ ޕީޖީ ބިޝާމްގެ ނިންމެވުމަކުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ފަޅު ރަށުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ހެރޮއިން އާއި ކެނެބިސް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.