އިނގިރޭސި ޕްރިމިއަ ލީގުގައި ޝެފީލްޑް ޔުނައިޓެޑް ބަލިކޮށް ޗެލްސީން ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފިއެވެ.
ލީގުގެ ފުލުގައި އޮތް ޝެފީލްޑާއި ދެކޮޅަށް ޗެލްސީން ނިކުތީ ގިނަ ބަދަލުތަކާއިއެކުގައެވެ. ރޭގެ މެޗުގައި ޝެފީލްޑުގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ. ޝެފީލްޑްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީ ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޗެލްސީންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ މޭސަން މައުންޓްއެވެ. ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި ޝެފީލްޑް ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް މި ލަނޑަކީ ޗެލްސީގެ އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން މެޗުން ޗެލްސީ މޮޅުވި ލަނޑު ޖަހާފައިވަނީ ޖޯޖީނިއޯއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުންނެވެ.
މި މޮޅާއެކު ޗެލްސީ ތާވަލުގެ ފަސްވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 39 ޕޮއިންޓާއެކުއެވެ. ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ