ވެލެންސިޔާއަށް ދެވަނަ ބުރުގެ ފުރަަަތަމަ މޮޅު

ވެލެންސިޔާއަށް ދެވަނަ ބުރުގެ ފުރަަަތަމަ މޮޅު

Author
މުޙައްމަދު ޝަޒައިމް
02 ފެބްރުއަރީ 2021 08:06
0

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އިން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. ދެ ވަނަ ހާފުގައި ދެޓީމަށް ވެސް ގޯލުޖަހާނެ ފުރުސަތުތައް ލިބުނެވެ. ހާއްސަކޮށް ވެލެންސިއާ އިން ވަނީ މި ހާފުގައި ގިނަ ހަމަލާތަކެއް ޓީސީގެ ގޯލަށް ފޮނުވާލައިފަ އެވެ. ޓީސީން މެޗުގައި އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި މެލްކޮމް ކަސިއުސް ސްޓެވާޓް އެވެ. އޭރިޔާ ތެރެއަށް ވަނުމަށް ފަހު މެލްކޮމް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯކުގެ އަރިމަތީ ދަނޑިއަށެވެ.

ވެލެންސިއާގެ ފުރަތަމަ ގޯލު 57 ވަނަ މިނެޓުގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ. އޭރިޔާ ބޭރުން ލިބުނު ބޯޅަ ސެންޓޭ އަމާޒުކޮށްލީ ގޯލުގެ މަތީ ކަނަށެވެ. ލީޑު ނެގިތާ އިރުކޮޅެއް ފަހުން ވެލެންސިއާގެ ސޮލާ މުލެޓް އެންޓޯނިއޯ ފޮނުވާލި ބޯޅައެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު ޑިފެންޑަރު ހޯސޭ އެންޓޯނިއޯ ފޮނުވާލި ބޯޅަ ޖެހުނީ ހުރަސް ދަނޑީގަ އެވެ.

ވެލެންސިއާގެ ދެ ވަނަ ލަނޑު މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ އަހުމަދު އިމާޒް (އާއްކޮ) އެވެ. އޭރިޔާ ތެރެއިން އާއްކޮ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓީސީގެ ކުޅުންތެރިއެއް ގައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. މިއަދުގެ މެޗަކީ ޓީސީގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މުހައްމަދު ނިޒާމް (ނިޒާމްބެ) ގެ އިރުޝާދުގެ ދަށުން އެޓީމު ކުޅުނު ފުރަތަމަ މެޗެވެ. ނިޒާމްބެ ޓީސީ ދޫކޮށްލީ 2018 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޓީސީ އަށް ހޯދައިދިނުމަށް ފަހު އެވެ.

މޮޅާ އެކު ވެލެންސިއާ ވަނީ 15 ޕޮއިންޓް ހަމަކޮށް އަލުން ލީގުގެ ދެ ވަނަ އަށް އަރައިފަ އެވެ. ވެލެންސިއާގެ ފަހަތުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ވެލެންސިއާ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުން ކުރި ލިބޭތީ އެވެ. މެޗުން ބަލިވި ޓީސީ އޮތީ ނުވަ ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.