ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން އިޔާދަކުރުމުގެ މަސައްކަތްކުރާއިރު އަހަރުގެ ފުރަތަމަ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ ޖަނަވަރީ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދަށްވުރެ 47 އިންސައްތަ ދަށް އަދަދެއް ނަމަވެސް އުންމީދީ އަދަދެކެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހަށްވުރެ ކުޑަ ތަންކޮޅެއް އަދަދު ވަނީ މަދުވެފައެވެ. ޑިސެމްބަރު މަހު ރާއްޖެއަށް 96،225 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި ދިޔަ އަހަރުގެ ޖަނަވަރީމަހު ރާއްޖެއިން ވަނީ 173،874 ފަތުރުވެރިންނަށް މަރުހަބާ ކިޔާފައެވެ.

އަހަރުގެ ފުރަތަމަ މަސް އިއްޔެ ނިމިފައި ވާއިރު، ފުރަތަމަ މަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ އެވްރެޖްކޮށް 2،971 ގައެވެ. އަދި މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖަނަވަރީ މަހުގެ 3 ވަނައަށް ވީ އާދީއްތަ ދުވަހުއެވެ. އެއީ 4،195 ފަތުރުވެރިންނެވެ.
މި އަހަރުގެ ފުރަތަމަ ދުވަހުންފެށިގެން މިހާތަނަށްވެސް ރާއްޖެއަށް އެންމެގިނައިން އައީ ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ ނިޔަލަށް ރަޝިޔާއަށް ނިސްބަތްވާ 20،973 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ. ދެވަނައަށް އެންމެގިނައިން ރާއްޖެއަށް އައީ އިންޑިއާއަށް ނިސްބަތްވާ ފަތުރުވެރިންނެވެ. އެގައުމުން އިއްޔެގެ ނިޔަލަށް 19،135 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފައެވެ.
އަހަރުގެ ފުރަތަމަ މަހު ރާއްޖެއައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމުތައް:
1 ރަޝިއާ – 20،973
2 އިންޑިއާ – 19،135
3 ޔޫކްރައިން – 7،210
4 ކަޒަކިސްތާން – 4،434
5 ރޯމޭނިއާ – 3،921
6 ފްރާންސް – 3،728
7 ޖަރުމަން – 3،390
8 އިނގިރޭސި ވިލާތް – 2،504
9 އެމެރިކާ – 1،960
10 ސްވިޓްޒަލޭންޑް – 1،958
މިއަހަރުގެ މިހާތަނަށް ރިސޯޓުތަކާއި ޓޫރިސްޓް ހޮޓާތަކާއި ގެސްޓް ހައުސް ތަކުގެ އިތުރުން ސަފާރީ ތައް ހިމެނޭހެން ޖުމްލަ 614 ޓޫރިސްޓް ފެސިލިޓީ ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މި ހުރިހާ ޓޫރިސްޓް ފެސިލިޓީއެއް އެއްކޮށް 43،320 ޓޫރިސްޓް އެނދު މިހާރު ހިދުމަތަށް ނެރެވިފައި ވާކަމަށް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓޫރިޒަމް މިނިސްޓްރީން ލަފާކޮށްފައިވަނީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެހެންކަމަށް ވާނަމަ މަހަކު އެވްރެޖްކޮށް 1 ލައްކަ 25 ހާސް ފަތުރުވެރިން ރާއްޖެ ގެންނަންޖެހެއެވެ. ދެން އުފެދޭ ސުވާލަކީ މިއަދަދު މިއަހަރު ނިމުމުގެ ކުރިން ހަމަކުރެވޭނެތޯ އުފެދޭސުވާލެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެން، ސިނާޢަތް ކޮޅަށްޖެހުމަށް ކުރާ މަސައްކަތް މިހާރުވެސް ކުރަމުންދާ ގޮތަށް ކުރަމުންގެންދާނަމަ މިއީވެސް ނުވާނެ ކަމެއް ނޫންކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ.
މި އަހަރު ނިމުމާއެކު ރާއްޖެއިން ކުރިމަތިލާނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ރަންޔޫބީލް އަހަރާއެވެ. ރާއްޖޭގައި ފަތުރުވެރިކަން ފެށިތާ 50 އަހަރު ފުރޭނީ 2022 ވަނަ އަހަރުއެވެ.
ކޮމެންޓު ފޮނުވާ