އިގިރޭސި ޕްރިމިއަ ލީގުގައި ވެސްޓް ހޭމް ބަލިކޮށް ލިވަޕޫލް ލީގުގެ ތިންވަނަ އަށް ޖެހިލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗު ލިވަޕޫލް ކާމިޔާބު ކުރީ 3 – 1 ގެ ނަތީޖާއިންނެވެ. އަނިޔާގެ ސަބަބުން ސަޑިއޯ މާނޭ ނުލައި ލިވަޕޫލުން ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތީ ރޮބާޓޯ ފިރްމީނޯ ވެސް ބެންޗަށް ލައިގެންނެވެ. ލިވަޕޫލުން ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ދެ ގޯލު ޖެހީ މުހައްމަދު ސަލާހު އެވެ. ފުރަތަަމަ ލަނޑު އޭރިއާތެރެއިން ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލިއިރު، ދެ ވަނަ ގޯލު ޖެހީ ކައުންޓަ އެޓޭކެއްގައި ޒެރްޑަން ޝަގީރީ ދިން ބޯޅައަކުންނެވެ. މި ލަނޑުތަކާ އެކު ސަލާހު ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 20 ގޯލު ހަމަކޮށްފަ އެވެ.
ލިވަޕޫލްގެ ފަހު ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފިރްމީނޯ ދިން ބޯޅައަކުން ޖިއޮޖީނިއޯ ވައިނަލްޑަމް އެވެ. ވެސްޓް ހޭމްގެ ހަމައެކަނި ގޯލު ޖެހީ ކްރެއިގް ޑޯސަން އެވެ.
މިނަތީޖާއާއިއެކު ލިވަޕޫލްވަނީ 21 މެޗުން 40 ޕޮއިންޓް ހޯދައިގެން ލީގުގެ ތިންވަނަ އށް ޖެހިލާފައެވެ.
ކޮމެންޓު ފޮނުވާ