އުއްމީދަކީ ކޯވިޑް-19ގެ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުންކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މާދަމާ ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ދިނުން ފަށާއިރު، ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ، މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރައްވާފެވެ. މާދަމާ ވެކްސިން ދޭން ފަށާއިރު މާލެ ސަރަހައްދުން ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލާއި، ވިލިމާލެ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައެވެ. އައްޑޫ ސިޓީން ވެކްސިން ދޭނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުންނެވެ. ކުޅުދުއްފުށިން މިވެކްސިން ދޭނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންނެވެ.
މާދަމާއަކީ ރާއްޖޭގައި ކޯވިޑް 19 އަށް ވެކްސިން ދޭން ފަށާ ދުވަސް. މާތް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އާމީން.
— Ibrahim Mohamed Solih (@ibusolih) January 31, 2021
އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކުރި ކޯވިޑް-19 ވެކްސިން "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖެހުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދީފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި މިވެކްސިން ޖެހުމުގެ ހުއްދަ އެ އޮތޯރިޓީން ދީފައިވަނީ ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމައަށް ބަލާ ދިރާސާ ކުރުމަށްފަހު " ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޓުއޭޝަން."ގައި ބޭނުން ކުރުމަށެވެ.
އެމްއެފްޑީއޭއިން ހުއްދަ ދީފައިވަނީ ކޯވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އުމުރުން 18 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ބޭނުންކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމަށް ހުއްދަ ދޫކޮށްފައި ނުވެއެވެ.
ވެކްސިން ދިނުމުގައި 3 ބަޔަކަށް އިސްކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޞިއްޙީ ޚިދުމަތުގައި އަދި އިޖްތިމާޢީ ޚިދުމަތުގައި އިސް ސަފުގައި މަސައްކަތްކުރާ މީހުންނާއި، އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ. އަދި އުމުރުން 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން މި ބައްޔަށް ހުށަހެޅިއްޖެނަމަ އެކަމުގެ ނުރައްކާ އެންމެ ބޮޑުވާނެ މީހުންނާއި، އަސާސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އިސް ސަފުގައި ހަރަކާތްތެރިވާ މީހުންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންވެސް ހިމެނެއެވެ.
ވެކްސިން ޖަހަން ފެށުމުގެ ކުރިން އެޗްޕީއޭއިން ވަނީ ވެކްސިން ޖަހާދޭނެ ސިއްޚީ ޚިދުމަތްތެރިންނަށް ބޭނުންވާ މަޢުލޫމާތުތަކާއި ތަމްރީން ޕްރޮގްރާމްތައްވެސް ކުރިއަށް ގެންގޮސްފައެވެ. ކޯވިޑް-19ގެ ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމަށް my.health.mv ނަމުގައި ޚާއްސަ ޕޯޓަލްއެއް ވަނީ ތައްޔާރުކޮށްފައެވެ. އެ ޕޯޓަލްގައި މީހަތަނަށް 19،000އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރީވެފައެވެ. ކޯވިޑް ގެ ވެކްސިން ޖަހަން ފަށާއިރު މިއަހަރު ފެށުނު އިރު ކޭސްތައް ފެންނަ މިންވަރު ބޮޑުތަނުން އިތުރުވެފައެވެ.
ކޮމެންޓު ފޮނުވާ