ޝަރީއަތް ނުފެށި އެއްގަޑިއިރު، އިދިކޮޅުން ކޯޓުކައިރީ އިހުތިޖާޖުގައި

ޝަރީއަތް ނުފެށި އެއްގަޑިއިރު، އިދިކޮޅުން ކޯޓުކައިރީ އިހުތިޖާޖުގައި

Author
މުޙައްމަދު ޝަޒައިމް
31 ޖެނުއަރީ 2021 03:16
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އަޑުއެހުމަށް ގެންސް ކޯޓުގައި އެއްގަޑިއިރަށްވުރެ ގިނަ އިރުވާއިރުވެސް ޝަރީއަތް ނުފެށި އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ޔާމީން ކޯޓަށް ހާޒިރުކޮށްފައިވާއިރު އެމަނިކުފާނުގެ ސަޕޯޓަރުން ދަނީ ކްރިިމިނަލް ކޯޓު ސަރަހައްދުގައި އަޑު އުފުލަމުންނެވެ. ގިނަ ބަޔަކު ކޯޓު ކައިރީގައި އިހުތިޖާޖު ކުރަމުންދާއިރު، ޝަރީއަތް ނުފެށި ލަސްވާ މައްސަލާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއީވެސް ރައީސް ޔާމީނަށް ދޭ އަނިޔާއެއްކަމަށެވެ.

ރައީސް ޔާމީނަށް އެކި ނަންނަމުގައި ކުރަމުންދާ ދައުވާތަކަކީ އެއްވެސް ހަގީގަތެއްނެތް، އިންސާފުން ބޭރުން ކުރަމުންދާ ދައުވާތަކެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރު ބަލިކަށިވެ، ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދުމުން ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކެއްކަމަށެވެ. ގިނަބަޔަކު އެސަރަހައްދުގައިއެއްވެ އަޑު އުފުލަމުންދާއިރު، އެއްވި މީހުން ދަނީ ރައީސް ޔާމީން މިހާރު މިހާރަށް މިނިވަން ކުރުމަށާއި، އެމަނިކުފާނަށް އަނިޔާ ނުދިނުމަށް ގޮވާލަމުންނެވެ.

މަނީ ލޯންޑްރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށު ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގައިއެވެ. ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ، އަހްމަދު ކްރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަނާއި ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

މިމައްސަލަތަކަކީ ފުލުހުންނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ތަހުޤީޤްކޮށްފައިވާ މައްސަލަތަކެކެވެ. ރައީސް ޔާމީންގެ ޖަލުހުކުމާއި ދެކޮޅަށް ގިނަ ބަޔަކު މަގުތަކުގައި ސިލްސިލާ މުޒާހަރާތައް ބާއްވަމުންދާއިރު، މި މުޒާހަރާތައް ހުއްޓާލާނީ ރައީސް ޔާމީން މިނިވަން ވުމުންކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.