ކޯވިޑް-19 އާއިއެކު ކުރިމަތިވި ގޮންޖެހުންތަކާއިއެކުވެސް ރައްޔިތުންނަށް އެއްވެސް ހާސްކަމެއް ނެތި ކަންކަން ކުރެވޭނެ މަގު ފަހިކޮށް، ސަރުކާރުން ނަތީޖާ ދައްކާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްޑީީގެ ރައީސް ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ކުިރމަތިވި ގޮންޖެހުންތަކާއިއެކުވެސް ރާއްޖެއިން ކޯވިޑްގެ ކަންކަން މެނޭޖު ކޮށްފައިވަނީ އެހެން ޤައުމުތަކަށް ނަމޫނާ ގޮތަކަށް ކަމުގައެވެ.
ކޯވިޑްގެ ދަތުތަކާއިއެކު ސަރުކާރުން އިންކަމް ސަޕޯޓަށް 221 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، މިކަމުގެ ސަބަބުން އެތައްހާސް އާއިލާއަކަށް ހިންހަމަ ޖެހުން ލިބިފައިވާކަމަށެވެ. އަދި ކޯވިޑާއި ގުޅިގެން ލޯނުތައް ދައްކާ މުއްދަތު ފަސްކުރުމާއި، ކުދި ވިޔަފާރިތައް ފައިޗައްށް ނެގުމަށް 55.2 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނުގެ އެހީތެރިކަން ސަރުކާރުން ފޯރުކޮށް ދެއްވާފައިވާކަމަށެވެ.
ފްރަންޓުލައިން އޮފިސަރުންނަށް 98.5 މިލިޔަން ރުފިޔާ ޚަރަދު ކޮށްފައިވާއިރު، ކަރަންޓުބިލް ދެއްކުމަށް ދަތިވި ފަރާތްތަކަށް 48.1 މިލިޔަން އަދި ފެން ބިލު ދެއްކުމަށް ދަތިވި ފަރާތްތަކަށް 10.2 މިލިޔަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށް ދެއްވާފައިވާކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޯވިޑާއި ގުޅިގެން ބޯހިޔާވަހިކަން ބޭނުންވި މީހުންގެ ތެރެއިން 413 ފަރާތަކަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާފައިވާކަމަށެވެ. އަދި މިއަދު ކޯވިޑަށް ޓެސްޓުކުރެވޭ އަދަދު އިތުރުކޮށް ރާއްޖޭގައި 6000 މީހުންނަށް ޓެސްޓު ކުރެވޭނެ ގޮތް ފަހިކޮށް 426 އެދު ކޯވިޑާއި ގުޅިގެން މުޅިން އަލަށް ތައްޔާރުކޮށްފައިވާކަމަށެވެ. މިއީ ސަރުކާރުން މިހާލަތުގައި ކޮށްދެއްވާފައިވާ ވަރަށްބޮޑު އެހީތެރިކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބައި ގުޅޭގޮތުން، މިއަދު އެމްޑީޕީގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ކުރިއަށް އޮތް އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ބޮޑު ބައްޔަކުން ބަލިކުރާނެކަމަށެވެ. އަދި އިންތިޚާބުން އެމްޑީޕީ ބަލިވާނެ އެއްވެސް ފުރުޞަތެއް ނެތްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ