ކޮރަލް މަތިވެރި ފުޓްސަލް ލީގުގެ ފަހު ބުރުގެ މެޗުތައް ވަނީ ފަށާފައެވެ. ފަހުބުރުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ ލީގުގެ އެއްވަނާގައި އޮތް ވެލި ބީޗާއި، ރިވެލި ރިޓްރީޓެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު 3 ލަޑު 4 ލަޑުން ކާމިޔާބު ކުރީ ރިވެލި ރިޓްރީޓުންނެވެ. ލީގުގެ ދެވަނަ ބުރުގައި މި ދެޓީމު ކުޅުނު 7 ލަޑު 1 ލަޑުގެ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައިވަނީ ވެލި ބީޗުންނެވެ.
ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުންވެސް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މެޗުގައި ރިވެލި ރިޓްރީޓަށް ފިޒާން ވަނީ 2 ގޯލް ޖަހައި ދީފައެވެ. އަނެއް ދެ ލަޑު ޖަހައިދިނީ އިބްރާހިމް މުފީދުއާއި، ހުސެއިން ނަޝީދެވެ. މިމެޗުގައި ފިޒާންގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މި މެޗުން މޮޅުވި ރިވެލި ރިޓްރީޓް ވަނީ 9 ޕޮއިންޓާއިއެކު ލީގުގެ 3 ވަނަ އަށް ޖެހިލައިފައެވެ. މެޗުން ބަލިވިނަމަވެސް ވެލި ބީޗު އޮތީ15 ޕޮއިންޓާއިއެކު ލީގުގެ އެއްވަނައިގައެވެ.
މި މެޗުގައި ވެލި ބީޗަށް ލަޑުތައް ޖަހައިދިނީ ހުސެއިން އައްސަދާއި، ނަސްރުﷲ އެވެ. ނަސްރު ވަނީ 2 ލަނޑު ޖަހައިދީފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ރިވެލި ރިޓްރީޓަށް ދެގޯލް ކާމިޔާބުރި ފިޒާންއެވެ. މުބާރާތުގެ ފަހު ބުރުގައި ޓީމުތަކުން ނެރޭ ނަތީޖާތަކަށް ބަދަލު އައިސްފައިވަނީ ފަހުބުރުގެ ޓްރާސްފާ މާކެޓްގައި ޓީމުތަކުން ގެނައި ބަދަލު ތަކުގެ ސަބަބުންނެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކޮންމެ ޓީމެއްގައިވެސް މެޗު ކުޅޭއިރު ދަނޑު މަތީގައި 35 އަހަރުން މަތީގެ ކުޅުންތެރިޔަކު ހުންނަންޖެހެއެވެ. މުބާރާތް އިންތިޒާމު ކުރާ ފަރާތުން ބުނެފައިވަނީ މިކަމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުންނަށްވެސް ފުރުސަތު ދިނުމެވެ.

މިމުބާރާތުގެ މެއިން ސްޕޮންސާއަކީ ކޮރަލް ޓްރާންސްފާއެވެ. ކޯ ސްޕްންސާއަކީ ކެޕްޓަން މޯލްޑިވްސް އަދި ހަބޭސް ބޮޑުބެރު ގްރޫޕެވެ. ބެވަރޭޖް ޕާޓްނާއަކީ ސެކަންޑްހޯމް ރެސްޓޯރެންޓެވެ. މުބާރާތުގެ މީޑީޔާ ޕާޓްނާއަކީ ޚަބަރު އޮންލައިން އެވެ.
މިމުބާރާތަކީ އއ.މަތިވެރި މަތިވެރީ އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަދި އަންބަރު ގްރޫޕުން ގުޅިގެން ލީގު އުސޫލުން ކުރިއަށް ގެންދާ 3 ލެގުގެ މުބާރާތެކެވެ. މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އެރަށުގެ އިޖުތިމާއީ، އަދި ތަރައްޤީގެ ގިނަ ކަންކަމުގައިވެސް އަމަލީގޮތުން ބައިވެރިވާ އެރަށުގެ ޒުވާނުން ހިމެނޭ ދެ ގްރޫޕެކެވެ. ރަށުގެ ތަރައްޤީގެ ކަންކަމުގެ އިތުރުން ޒުވާނުންގެ ތަރައްޤީއަށްޓަކައިވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މަތިވެރީގައި ހިންގޭ ގިނަ ތަރައްޤީގެ ކަންކަމުގައިވެސް މި ދެ ގްރޫޕުގެ ޝާމިލުވުންބޮޑެވެ. އަމިއްލަ އިސްނެގުމަށްވެސް ރަށުގެ ކުރިއެރުމަށް މި ދެ ގްރޫޕުންވަނީ މުހިންމު މަސައްކަތް ތަކެއްކޮށްފައެވެ.
މަތިވެރީގެ ޒުވާނުންނާއި ރަށުގެ އިޖުތިމާއީ ކަންކަން ދިރުވައި އާލާކުރުމަށް ކުރިއަށް އޮތް ތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް މި ދެގްރޫޕޫން ވަނީ ގިނަ ކަންތައްތަކެއް ރާވާފައެވެ. ކޯވިޑް-19 އާއި ގުޅިގެން ކުރަންރޭވި ގިނަ ކަންތައްތަކެއް މަޑު ޖެހުނު ނަމަވެސް އަނެއްކާވެސް އެމަސައްކަތް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މަރިވެރި އަންބަރު ގްރޫޕް އަދި މަތިވެރި އެސޯސިއޭޝަން ފޮރ ރެކްރިއޭޝަން އެން ސްޕޯޓްސް (މާރންސް) އަކީ މަތިވެރީގައި ކުޅިވަރު މުބާރާތްތަކުގެ އިތުރުން ޤުރުއާން މުބަރާތްތަކާއި، މަދަހަ މުބާރާތްތަކާއި، އެކި އުމުރުފުރާތަކަށް ހޭލުންތެރިކަމުގެ ގިނަ ޕްރޮގުރާމުތައް ހިންދަމުންދާ ދެ ގްރޫޕެކެވެ.
ކޮމެންޓު ފޮނުވާ