ޕާކުތައް ހުޅުވާފައި ހުންނަ ގަޑިއަށް ބަދަލުގެނެސް، ހަފްލާތަކަށް ދޫކުރުން ހުއްޓާލައިފި

ޕާކުތައް ހުޅުވާފައި ހުންނަ ގަޑިއަށް ބަދަލުގެނެސް، ހަފްލާތަކަށް ދޫކުރުން ހުއްޓާލައިފި

Author
މުޙައްމަދު ޖިމީ
29 ޖެނުއަރީ 2021 09:15
0

މާލޭގެ ޕާކުތައް ހުޅުވާ ގަޑިތަކަށް ބަދަލުގެނެސް، ހަފްލާތަކާއި ޕާޓީތަކާއި ރަސްމިއްޔާތުތަކަށް ޕާކުތައް ދޫކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ގެނައި މި ބަދަލާއެކީ ޕާކުތައް މިހާރު ހުޅުވާފައި ހުންނާނީ ފަތިހު 5:00 އިން ފެށިގެން ހެނދުނު 8:00 އަށް އަދި ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކަމަށެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 30 ވަނަ ދުވަހުންފެށިގެންނެވެ. މިހާރު ޕާކުތައް ހުޅުވާފައި ހުންނަނީ ފަތިހު 4:30އިން ފެށިގެން ހެނދުނު 9:30އަށެވެ. އަދި ހަވީރު 4:00އިން ފެށިގެން ރޭގަނޑު 9:30އަށެވެ.

ޕާކު ހުޅުވާފައި ބަހައްޓާ ވަގުތަށް ބަދަލުގެނެސްފައިވާއިރު، މާލެ ސަރަހައްދުގައި  ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި އެކަމާއި ގުޅިގެން ވަނީ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ޕާޓީތަކާއި ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. މިއާއެކު ޕާކުތަކުގައި ޕާޓީތައް ބޭއްވުމަށް ބުކިންގ ހައްދާފައިވާ ފަރާތްތަކުގެ ބުކިންގްތައްވެސް ކެންސަލްކޮށް، އެކަން އަންގަމުންދާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ކޯވިޑްގެ ކޭސްތައް އިތުވަމުންދާއިރު ޕާކްތަކާއި މައިޒާންތަކުގައި ވަނީ ބަލިންރައްކާތެރިވުމަށް ޚައްޞަ ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެގޮތުން ޕާކަށް ވަންނަ މީހުންގެ ހުންބެލުމާ، އަތް ސެނެޓައިޒްކުރުމާ އަތް ދޮވެވޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެތަންތަނަށް ވަދެވޭނީ މާސްކު އަޅައިގެންނެވެ. ޕާކުތެރޭގައި އުޅޭއިރުވެސް އެއްވެ ނޫޅުމާ ގައިދުރުކަން ބެހެއްޓުމަށް ވަނީ އިރުޝާދު ދީފައެވެ. ޕާކްތަކަށް އެންމެ ގިނަވެގެން ވަދެވޭނެ މީހުންގެ ޢަދަދުވެސް ކަނޑައަލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.