ޢާންމު މިންގަނޑާއި ޚިލާފު ތަންތަނުގައި މުވައްޒަފުން ބައިތިއްބާނަމަ ޖޫރިމަނާކުރަނީ

ޢާންމު މިންގަނޑާއި ޚިލާފު ތަންތަނުގައި މުވައްޒަފުން ބައިތިއްބާނަމަ ޖޫރިމަނާކުރަނީ

Author
މުޙައްމަދު ޖިމީ
29 ޖެނުއަރީ 2021 05:24
0

މުވައްޒަފުން ބަހައްޓާ ތަންތަންނަކީ އިކޮނޮމިކް މިނިސްޓްރީން ޢާންމުކޮށްފައިވާ މިންގަނޑުތަކާއި ޚިލާފު ތަނެއްނަމަ 2000 ރުފިޔާއަށްވުރެ މަދުނޫން ޢަދަދަކުން ޖޫރިމަނާކުރަން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ގެޒެޓްކޮށްފައިވާ ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދުގައި ވަނީ، މުވައްޒަފުން ބޭތިއްބުމަށް ހަމަޖައްސާ ތަންތަން ހުންނަން ވާނީ ވާރެއާއި އަވިން ހިޔާވާ ގޮތަށްކަމަށެވެ. އަދި އެތަންތަނުގެ ޢިމާރާތްކޮށްފައި ހުންނަންވާނީ އެކަށީގެންވާ އާލާތްތައް ބޭނުންކޮށްގެންކަމަށާއި، އެތަންތަނުގައި ރަނގަޅު ފިނިހޫނުމިނެއް ހުންނަންވާނެކަމަށް އެ ޤަވާއިދުގައިވެއެވެ. އަދި މުވައްޒަފުން ބައިތިއްބާ ތަންތަނާއި އެތަންތަނުގެ ވަށައިގެންވާ ސަރަޙައްދު ހުންނަންވާނީ ކުނިބުނިން ރައްކާތެރި ސާފު ސަރަޙައްދެއްގެ ގޮތުގައިކަމަށްވެސް އެ ޤަވާޢިދުގައިވެއެވެ.

އަދި އެފަދަ ތަންތަނުގައި ފޯރުކޮށްދޭ ފެނުގެ ޚިދުމަތް ހުންނަންވާނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ޤަބޫލުކުރާ މިންގަނޑުގެ ތެރޭގައިކަމަށާއި، ސާފުތާހިރުކަމުގެ އެކަށީގެންވާ މިންގަނޑުގެ ނަރުދަމާ ނިޒާމެއް ޤާއިމުކޮށްފައި ހުންނަންވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ޤަވާޢިދުގައި ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީނ ޢާންމުކުރި މި ޤަވާއިދަކީ، މުވައްޒަފުން ދިރިއުޅުމަށް އެކޮމޮޑޭޝަން ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދަކީ ވަޒީފާދޭ ފަރާތުން މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނާއި އެތަންތަނުގައި ހުރުން ލާޒިމުވާ ކަންކަން ބަޔާންކޮށް ނެރެފައިވާ ޤަވާޢިދެކެވެ. މިފަދަ ޤަވާއިދެއް އިކޮނޮމިކް މިނިސްޓްރީން ޢާންމުކޮށްފައިވާއިރު، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ބައިތިއްބާފައިތިބޭ ތަންތަނުގެ ފެންވަރާއިމެދު އަބަދުވެސް ޗަކުވާ އޮވެއެވެ. އެގޮތުން އެފަދަ ގިނަ ތަންތަނަކީ އިންސާނުން ދިރިއުޅުމަށް އެކަށޭނަ ތަންތަން ނޫންކަމަށްވެސް ގިނަބަޔަކު ދެކެއެވެ. އަދި އެކަން ހައްލުކުރުމަށް މަސއްކަތްކުރާކަން ސަރުކާރުން ކުރިން ހާމަކޮށްފައިވެސްވެއެވެ.

ސަރުކާރުން އެކުލަވާލި މި މިޤަވާޢިދަށް ޢަމަލުކުރާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 6 މަސް ދުވަސް ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.