މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ދަޢުވަތު އެރުވި ބައެއް ބޭފުޅުންގެ ދަޢުވަތު ކެންސަލްކޮށްފި

މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ދަޢުވަތު އެރުވި ބައެއް ބޭފުޅުންގެ ދަޢުވަތު ކެންސަލްކޮށްފި

Author
މުޙައްމަދު ޖިމީ
28 ޖެނުއަރީ 2021 04:59
0

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ދަޢުވަަތު އެރުވި ބައެއް ބޭފުޅުންގެ ދައުވަތު ކެންސަލްކުރައްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ މީހުންގެ ޢަދަދު މަދުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ މީހުންގެ ޢަދަދު މަދުކުރީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެޅި ފިޔަވަޅުތަކާއި އެއްގޮތަށް ޖަލްސާ ކުރިއަށް ގެންދިއުމަށްކަމަށެވެ. އެގޮތުން އިއްޔެ އެޗްޕީއޭއިން އެޅި ފިޔަވަޅުތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ދައުވަތު އެރުވުނު ބޭފުޅުންގެ އަދަދު މަދުކުރަން ޖެހުމާއެކު، މި ޖަލްސާއަށް މިހާރު ދައުވަތު އެރުވިފައިވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށާއި، ރާއްޖޭގައި ތިއްބަވާ ބޭރު ދައުލަތްތަކުގެ ސަފީރުން ހައިކޮމިޝަނަރުންނަށްކަމަށެވެ.  އެހެންކަމުން، އެބޭފުޅުން ފިޔަވައި އެހެން ބޭފުޅުންނަށް އެރުވިފައިވާ ދައުވަތު މިހާރު ކެންސަލްކޮށްފައިވާކަމަށްވދެސް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.

މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާއަށް ކުރިން ދައުވަތު އެރިވި ބައެއް ބޭފުޅުންގެ ދަޢުވަތު ކެންސަލް ކޮށްފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިކަނބި ކަނބަލުންނާއި ފިރިކަލުންނަށް ދަޢުވަތު ދެއްވުމަށްފަހުއެވެ. މަޖިލިސް ހުޅުވާ ޖަލްސާއަށް، މެމްބަރުންގެ އަނބިކަނބަލުންނަށާއި ފިރިކަލުންނަށް ކޮންމެ އަހަރަކުވެސް ދައުވަތު ދެއްވައެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.