ފުލުގައި އޮތް ޓީމުން ޔުނައިޓެޑް އަތުން މޮޅެއް

ފުލުގައި އޮތް ޓީމުން ޔުނައިޓެޑް އަތުން މޮޅެއް

އިނގިރޭސި ޕްރިމިއަރ ލީގުގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓެޑުން ޓޭބަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ޔުނައިޓެޑުން ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމުމަކަށް ގެނެސްފި އެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުގެ މައްޗަށް ޝެފީލްޑް ޔުނައިޓެޑުން ކުރި ހޯދީ 1-2 އިންނެވެ. އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ވާދަވެރި ލިވަޕޫލްގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ކުރި ހޯދި ޔުނައިޓެޑްގެ ފަރާތުން ރޭގެ މެޗުގެ ބޮޑު ބައިގައި ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ޝެފީލްޑް ޔުނައިޓެޑުންނެވެ. ޝެފީލްޑް ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިން ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ކީން ބްރަޔަން ކާމިޔާބުކުރީ އެ ޓީމަށް ލިބުނު ކޯނަރެއްގައި ބޮލުން ޖަހައިގެން ނެވެ.

ޔުނައިޓެޑްގެ ފޯވާޑް އެންތަނީ މާޝިއަލް ޝެފީލްޑްގެ ގޯލަށް ބޯޅައެއް ވައްދާލި ނަމަވެސް ރެފްރީ ނިންމީ ހަމަލާ އުފެއްދުމުގައި ޔުނައިޓެޑްގެ ކެޕްޓަން ހެރީ މެގުއާ ފައުލްކޮށްފައިވާ ކަމަށެވެ. އެކަމަކު ފަހުން މެގުއާ ވަނީ މެޗުގެ 64 ވަނަ މިނެޓްގައި ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ޝެފީލްޑް ޔުނައިޓެޑަށް ރޭގެ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 16 މިނެޓް ބާކީ އޮއްވާ، ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުއިތް އޮލިވާ ބާކޭ އެވެ. ރޭ ޝެފީލްޑުން ހޯދި މޮޅަކީ 1992 ވަނަ އަހަރު އިނގިރޭސި ޕްރިމިއަރ ލީގު ތައާރަފް ކުރި ފަހުން ޔުނައިޓެޑްގެ މައްޗަށް އެ ޓީމުން ހޯދި ފުރަތަނަ މޮޅެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ އެއް ވަނަ ދުވަހު އާސެނަލް އާ ދެކޮޅަށް ކުޅެ ބަލިވި ފަހުން ލީގުގައި ބަލި ނުވެ ޖެހިޖެހިގެން 12 މެޗު ހަމަކުރުމަށްފަހު ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ ރެލިގޭޓްވުމުގެ ބިރާ ކުރިމަތިވެފައި އޮތް ޝެފީލްޑް ޔުނައިޓެޑުން ލީގުގައި މިހާތަނަށް ކާމިޔާބުކުރި ދެވަނަ މެޗެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *