ކޮރަޕްޝަނާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުން ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޤައުމުތަކުގައި ކޮރަޕްޝަން އަށަގެންފައިވާ މިންވަރު ބެލުމަށް ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން ކޮންމެ އަހަރަކު އާންމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ރާއްޖެއިން 2020 ވަނަ އަހަރު 14 ޕޮއިންޓްގެ ކުރިއެރުމެއް ހޯދާފައި ވާތީ އެކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަން މުލުންލުހެލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައ،ި މިއީ ލިބުނު އައު ހިތްވަރެއްކަމަށެވެ.
2020 ވަނަ އަހަރުގެ ސީ.ޕީ.އައިއިން ދައްކާގޮތުގައި 43 ޕޮއިންޓާއެކު ރާއްޖެ އޮތީ 183 ގައުމުގެ ތެރެއިން 75 ވަނައިގައެވެ. 2019 ވަނަ އަހަރުގެސީ.ޕީ.އައި އާއި އަޅާ ބަލާއިރު ރާއްޖެ މިވަނީ 14 ޕޮއިންޓް ކުރި އަށްޖެހިލާފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ ނަތީޖާ ނެރުމަށް ރިއާޔަތް ކޮށްފައި ވަނީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓްގެ ޖެނުއަރީ 2019 އިން ޖެނުއަރީ 2020 އަށް ހިމެނޭ މަޢުލޫމާތެވެ. އެހެންކަމުން މި ރިޕޯޓުން އެނގިގެން މި ދަނީ 2019 ވަނަ އަހަރުގެ ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތެވެ.
ސިއްހީ ބޮޑު ކާރިސާއާއެކު ހޭދަވީ 2020 ވަނަ އަހަރުގެ ހާލަތު އެނގޭނީ އަންނަ އަހަރު އާންމު ކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްއިން ނެވެ.
މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކަ އާއި ދެމެދުގެ މިންގަނޑެކެވެ. ސުމަކުން ވަރަށް ކޮރަޕްޓް ގައުމުތައް ރަމްޒުކޮށްދޭ އިރު، ސަތޭކައިން ރަމްޒުކޮށްދެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކެވެ.
ސީޕީއައިގައި ކުރި ލިބުނު ނަމަވެސް ރާއްޖެ އަދި ވެސް ހިމެނެނީ 50 އަށް ވުރެ ދަށުން ޕޮއިންޓް ލިބުނު ތިންބައިކުޅަ ދެބައި ގަމުތަކުގެ ތެރޭގަ އެވެ.
ކޮމެންޓު ފޮނުވާ