މާޒިޔާ އެއް ވަނާގައި ލީޑު ފުޅާކޮށްފި

މާޒިޔާ އެއް ވަނާގައި ލީޑު ފުޅާކޮށްފި

ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް ވެލެންސިއާ އަތުން 2-1 އިން މޮޅުވެ، މާޒިޔާ އިން ލީގުގެ އެއް ވަނާގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. އޭރިއާތެރެއިން ހަމްޕު ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ. ވެލެންސިއާގެ ފުރަތަމަ ފުރުސަތު ލިބުނީ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) އަށެވެ. ފުރަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ އަށެވެ. މެޗުގެ 20 ވަނަ މިނިޓްގައި މެދުތެރެއިން ހަމްޕު ދިން ބޯޅައެއް ހޯދައި ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ހުސްކޮށްލާފައި އަސަދުﷲ އަށް ޖައްސާލި ބޯޅަ ފޮނުވާލުމުން ކީޕަރު ފައިސަލް ވަނީ ހުޝިޔާރުކަމާ އެކު އެ ބޯޅަ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 11 މިނިޓް ތެރޭ މާޒިޔާ އިން ވަނީ ލީޑުނަގައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން ނުކުއިތް މުހައްމަދު އިރުފާން (އިރޭ)، މި ގޯލުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. ކޯނަރަކުން ހަމްޕު ނެގި ބޯޅަ އިރޭ ބޮލުން ފޮނުވާލުމުން ކީިޕަރު ފައިސަލް އަތުގައި ޖެހިފައި ގޯލު ކުރިމައްޗަށް ވެއްޓެން ދިޔަ ބޯޅަ ޕީޓަ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މާޒިޔާ އިން ލީޑުފުޅާކުރީ މެޗުގެ 68 ވަަނަ މިނިޓްގައި ކޯނޭ ޖެހި ގޯލުންނެވެ. ވެލެންސިއާ ޑިފެންޑަރުން ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި އޭރިއާތެރެއިން ލިބުނު ބޯޅަ ކޯނޭ ވަނީ ކީޕަރު ފައިސަލަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ކަނަށް އަމާޒުކޮށްލާފަ އެވެ.

ވެލެންސިއާ އިން ލަނޑެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 80 ވަަނަ މިނިޓްގަ އެވެ. އޭރިއާތެެރެއިން ސެންޓޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލާފަ އެވެ. މާޒިޔާ އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ކޯނޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ މަތަކޮށްފަ އެވެ. މިއީ އޭރިއާތެރެއިން ވެލެންސިއާ ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ މި ހޯދި މޮޅާ އެކު އެ ޓީމު އެއް ވަނާގައި އޮތީ އަށް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބި ވެލެންސިއާ ދެ ވަނާގައި އޮތީ އަށް މެޗުން 12 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ހަތް މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، މާދަމާ ހަވީރު ޓީސީއާ ދެކޮޅަށް ކުޅޭ މެޗުން ދަ ގްރާންޑޭ ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *