މ.ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ހުރިނަމަ އެކަން އެންގުމަށް އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ 5 ޖަނަވަރީ 2021ގެ ފަހުން މ.ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެންގެވުން އެދޭކަމަށެވެ. އެޗްޕީއޭއިން މިގޮތަށް އަންގާފައިމިވަނީ މިއަދު އެރަށުން9 މީހަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
(1/4)
▫️5 ޖަނަވަރީ 2021ގެ ފަހުން މ.ކޮޅުފުށިން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް / ހެލްތު ސެންޓަރަށް އެންގެވުން އެދެން. pic.twitter.com/LMzsG6Vynr
— Health Protection Agency (@HPA_MV) January 26, 2021
ކޮޅުފުށީ ކައުންސިލުން މިއަދު ބުނެފައިވަނީ އަލަށް ޕޮޒިޓިވްވި މީހުންނަކީ ކޮޅުފުށިން މާލެ އައިސް ހުއްޓާ ކޮވިޑަށް ޕޮޒިޓިވްވި މީހުންކަމަށާއި، އޭގެ ތެރޭގައި އަހަރެއް ނުވާ 2 ކުދިންވެސް ހިމެނޭކަމަށެވެ. މ.ކޮޅުފުށި މޮނިޓަރިންއަށް ލާފައިވަނީ މިމަހުގެ 24 ގައެވެ. މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެންގޮސްފައިވަނީ އެރަށުން މާލެއައި މީހަކު، މާލެ އައިތާ ދެވަނަ ދުވަހު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވަނީ މިމީހާ ބައްޔަށް ޕޮޒިޓިވްކަން އެނގިފައިވަނީ ޢަލާމާތްތައް ފެނިގެން ހެދި ޓެސްޓުންކަމަށެވެ. ބައްޔަށް ޕޮޒިޓިވްވެފައިވަނީ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު މާލެއައި އަންހެނެކެވެ. މިދިޔަ މަހުގެ ފަހުކޮޅު ޗުއްޓީއަށް ރަށަށް ދަތުރުކުރި މިމީހާއަކީ 10ދުވަހުގެ ކަރަންޓީން މުއްދަ ފުރިހަމަކޮށް، ކޯވިޑް-19އަށް ކުރި ޓެސްޓުގެ ނަތީޖާވެސް ނެގެޓިވްވެފައިވާ މީހެއްކަމަށް ކައުންސިލުން ބުންޏެވެ.
106 ސާމްޕަލް ނަގައި، ޓެސްޓުކުރުމަށް ނަގާފައިވާއިރު، އެގޮތުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 52 ސާޕަލް އެރަށުންވަނީ ނަގާފައެވެ. އަދި 54 ރެންޑަމް ސާމްޕަލް ރަށުތެރެއިންވަނީ ނަގާފައެވެ.
ކޮމެންޓު ފޮނުވާ