އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ މެޗެއްގައި ނިއުޕޯޓް ކައުންޓީގެ ގޯލްކީޕަރު ޓޮމް ކިންގް، ފުޓްބޯޅަ ތާރީހުގައި އެންމެ ދުރުން ގޯލު ޖެހުމުގެ ރެކޯޑް މުގުރާލައިފި އެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ ކުރިން ސްޓޯކް ސިޓީ އަށް ކުޅުނު ބޮސްނިއާގެ ގޯލްކީޕަރު އަސްމީރް ބެގޮވިޗް އަތުގަ އެވެ. ސްޓޯކަށް ޕްރިމިއާ ލީގުގައި 2013 ވަނަ އަހަރު ކުޅުނު މެޗެއްގައި، ސައުތެމްޓަންގެ އާޓޫ ބޮރުޗް ހުރި ގޯލަށް ބެގޮވިޗް ލަނޑު ޖެހީ 91.9 މީޓަރު (301 ފޫޓު) ދުރުންނެވެ. އެ ގޯލުގައި ވެސް ވައިގަދަވުމުގެ ސަބަބުން ބޯޅައިގެ ސްޕީޑް އަވަސްވި އެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ކިންގް ގޯލު ކުރިމަތިން ފޮނުވާލި ބޯޅަ މަތިން ގޮސް ގޯލަށް ވަނީ ފެނުގައި ޖެހިފައި ޗެލްޓަންހަމް ޔޯޝުއާ ގްރިފިޓްސް ބޯމަތިން ގޮހެވެ. ވައިގެ ސަބަބުން ބޯޅައިގެ ސްޕީޑް އަވަސްވިއިރު، މިއީ 96.01 މީޓަރު (315 ފޫޓު) ދުރުން ޖަހާފައިވާ ގޯލެކެވެ. ކިންގްގެ މި ރެކޯޑް ގޯލު ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓާ ގިނިސް ވޯލްޑް ރެކޯޑްސް އިން ވަނީ އިއްޔެ ބަލައިގަނެފަ އެވެ.
???? of the castle? #OneClubOneCountypic.twitter.com/LJA2I2Bo0X
— Newport County AFC (@NewportCounty) January 19, 2021
ގިނިސް ވޯލްޑް ރެކޯޑްސްގެ ރަސްމީ ވެބްސައިޓްގައިވާގޮތުން ކިންގް މި ގޯލު ޖެހީ 105 ޔާޑު ދުރުންކަމަށާއި މިއީ ފުޓްބޯޅަ ތާރީހުގައި ވާދަވެރި މެޗެއްގައި އެންމެ ދުރުން ޖެހި ގޯލުކަން ހުރިހާ ގޮތަކުން ކަށަވަރުވެފައިވާ ކަމަށެވެ.