މިދިޔަ ސެޕްޓެމްބަރު މަހު ހުޅުމާލެ 2 ގައި ނުވަ އަހަރުގެ އަންހެން ކުއްޖަކު ނިޔާވި އެކްސިޑެންޓުގައި ހިމެނޭ ކާރުގައި ރޭ ރޯވެ، ކާރު އެއްކޮށް އަނދައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ކާރުގައި ރޯވީ ރޭ ދަންވަރު 2:30 ހާއިރު އެވެ. އޭރު ކާރު ޕާކުކޮށްފައި އޮތީ ވިނަރެސް ޓަވަރުތަކުގެ އިރުމަތީ ފަރާތުގައި ދޫކޮށްފައިވާ ގޯތިތައް ހިމެނޭ ސަރަހައްދުގަ އެވެ. އަލިފާން ނިއްވާލީ އެމްއެންޑީއެފްގެ ފަޔަ ފައިޓަރުން ނެވެ. ކާރުގެ ކުރީގައާއި ފަހަތުގައި ވަރަށް ކައިރިން ޕާކުކޮށްފައި އޮތް ދެ ކާރަށް ވެސް އަލިފާނުގެ ސަބަބުން ގެއްލުން ވެފައިވެ އެވެ.
ރޯވީ އެކްސިޑެންޓުގައި ހިމެނޭ ކާރުކަން އެނގެނީ ރަޖިސްޓްރީ ނަންބަރުންނެވެ. ތަހުގީގުގެ ބޭނުމަށް ހެކި ހޯދުމަށް އެ ކާރު އޭރު ޓޯކޮށްފައި ވީނަމަވެސް، ވެރިފަރާތާ ހަވާލުކުރީ ކޮން އިރަކު ކަމެއް ނޭނގެ އެވެ.
ވިނަރެސް 7 އާ ދިމާލުގައި ހިނގި އެ އެކްސިޑެންޓުގައި، ޕާކުކޮށްފައި އޮތް ކާރަކަށް އަރަން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލެއް ޖެހި ވެއްޓުމުން، ސައިކަލު ފަހަތުގައި އިން ކުއްޖާގެ ގައިމަތިން ފަހަތުން އައި ކާރު ދިޔަ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ކުއްޖާ ނިޔާވީ ފަރުވާ ދެމުން ދަނިކޮށެވެ.
ރޭ ހިނގި ހާދިސާއާ ބެހޭ ގޮތުން ފުލުހުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ކޮމެންޓު ފޮނުވާ