މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ މާރުކުރުމުގެ ވިޔަފާރި ހިންގުމާ ބެހޭ އައު ޤަވާއިދެއް ގެޒެޓްކޮށް، އެ ޤަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.
މި ޤަވާއިދު ހަދާފައިވަނީ ބޭރު ފައިސާއާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 32/2024) ގެ ދަށުންނެވެ. އައު ޤަވާއިދާއެކު، 2024 ވަނަ އަހަރުގެ އޮކްޓޫބަރު 1 ން ފެށިގެން އަމަލުކުރަމުން އައި "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ޤަވާއިދު" (2024/R-92) އާއި، 2025 ވަނަ އަހަރު އެ ޤަވާއިދަށް ގެނައި އިސްލާހު އުވާލާފައިވާ ކަމަށް އެމްއެމްއޭއިން ބުނެއެވެ.
އައު ޤަވާއިދުގެ ދަށުން، ކުރިން ދޫކުރަމުން އައި ލައިސަންސް ޓިއާތައް އުވާލައި، އެއް ވައްތަރެއްގެ ލައިސަންސެއް ދޫކުރުމަށް ހަމަޖައްސާފައިވެއެވެ. ލައިސަންސް ލިބޭ ފަރާތްތަކުން ވިޔަފާރި ހިންގާނީ ދެ ކެޓެގަރީއެއްގެ ދަށުންނެވެ. ކެޓެގަރީ-އޭގެ ދަށުން އާންމުންނާއި ވިޔަފާރިތަކާއި އެހެން ފަރާތްތަކަށް ޚިދުމަތް ދެވޭނެއިރު، ކެޓެގަރީ-ބީގެ ދަށުން ޚިދުމަތް ދެވޭނީ ހަމައެކަނި ވިޔަފާރިތަކަށެވެ.
އަދި ލައިސަންސް ހޯދާ ފަރާތްތަކުން ބަހައްޓަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް 100,000 އެމެރިކާ ޑޮލަރުން 200,000 ޑޮލަރަށް އިތުރުކޮށްފައިވެއެވެ. ވިޔަފާރި ހިންގާ އިތުރު ކޮންމެ ތަނަކަށް ބަހައްޓަންޖެހޭ ޑިޕޮސިޓް ވެސް 50,000 ޑޮލަރުން 100,000 ޑޮލަރަށް އިތުރުކޮށްފިއެވެ.
ކޮމެންޓު ފޮނުވާ