ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފި އެވެ.
މި ބިލު ހުށަހަޅުއްވާފައިވަނީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު އެވެ. ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވުމަށް ތާވަލުކޮށްފައިވާއިރު، ބަހުސް ފަށާނީ ދެން ބާއްވާ ޖަލްސާއެއްގައި އެވެ.
ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގައި މިހާރު ބުނެފައިވަނީ، ހައިކޯޓު އެކުލެވިގެންވާނީ އިސްފަނޑިޔާރާއި އިތުރު 10 ފަނޑިޔާރުންނާއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށް ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެނަމަ، އިސްފަނޑިޔާރާއެކު ޖުމްލަ 15 ފަނޑިޔާރުން ހައިކޯޓުގައި ތިބޭނެ އެވެ.
2010 ވަނަ އަހަރު މި ގާނޫނު ވުޖޫދުވިއިރު ހައިކޯޓުގައި ތިބުނީ އިސްފަނޑިޔާރާއެކު ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. އެ އަދަދު 11 އަށް އިތުރުކުރީ ޕީޕީއެމް ސަރުކާރުގެ ދައުރުގައި، 18 ވަނަ މަޖިލީހުން 2017 ވަނަ އަހަރުގެ ޖޫން މަހު ގާނޫނަށް ގެނައި އިސްލާހަކުންނެވެ.
ކޮމެންޓު ފޮނުވާ