އެތެރޭގެ ބާޒާރުން ސަރުކާރު ނަގާފައިވާ ދަރަނި 100 ބިލިއަނުން މައްޗަށް

އެތެރޭގެ ބާޒާރުން ސަރުކާރު ނަގާފައިވާ ދަރަނި 100 ބިލިއަނުން މައްޗަށް

Author
އަހުމަދު
25 ނޮވެމްބަރ 2026 10:05
0

ބަޖެޓުގެ އުނިކަން ފޫބައްދުމަށް ސަރުކާރުން ވިއްކާފައިވާ ޓްރެޜަރީ ބިލާއި ޓްރެޜަރީ ބޮންޑުގެ ޖުމްލަ އަދަދު 100 ބިލިއަން ރުފިޔާ ފަހަނައަޅައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ޑެޓް މެނޭޖްމަންޓް ޑިޕާޓްމަންޓުން ޝާއިޢުކުރި ރިޕޯޓުގައިވާ ގޮތުން، މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ދައްކަންޖެހޭ ސެކިއުރިޓީޒްގެ ޖުމްލަ އަދަދަކީ 101.6 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 100.1 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ވިއްކާފައިވަނީ އެތެރޭގެ ބާޒާރަށެވެ. ބާކީ 1.5 ބިލިއަން ރުފިޔާގެ ސެކިއުރިޓީޒް ވިއްކާފައިވަނީ ބޭރުގެ ބާޒާރަށެވެ.

އެތެރޭގެ ބާޒާރަށް ވިއްކާފައިވާ ސެކިއުރިޓީޒްގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރުފިޔާ ޓީ-ބިލެވެ. އެގޮތުން ރުފިޔާ ޓީ-ބިލްގެ ގޮތުގައި 42.98 ބިލިއަން ރުފިޔާ، ރުފިޔާ ޓީ-ބޮންޑުގެ ގޮތުގައި 33.32 ބިލިއަން ރުފިޔާ، ޑޮލަރު ޓީ-ބޮންޑުގެ ގޮތުގައި 13 ބިލިއަން ރުފިޔާ، އިސްލާމިކް އިންސްޓްރޫމަންޓްސްގެ ގޮތުގައި 6.59 ބިލިއަން ރުފިޔާ އަދި ޑޮލަރު ޓީ-ބިލްގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ ހުއްޓެވެ.

ސަރުކާރުގެ ސެކިއުރިޓީޒް އެންމެ ގިނައިން ގަނެފައިވަނީ ވިޔަފާރި ބޭންކުތަކުންނެވެ. ރުފިޔާ ޓީ-ބިލްގެ ތެރެއިން 25.8 ބިލިއަން ރުފިޔާއާއި ޑޮލަރު ޓީ-ބޮންޑުގެ ތެރެއިން 9.8 ބިލިއަން ރުފިޔާ ވަނީ ބޭންކުތަކުގެ އަތުގައެވެ. މީގެ އިތުރުން، އެހެނިހެން މާލީ އިދާރާތަކުން ވެސް ސަރުކާރުގެ ސެކިއުރިޓީޒްގައި ބޮޑު އަދަދެއް އިންވެސްޓްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.