ރަސްމާލެ މަޝްރޫއާ ގުޅުންހުރި ރިއަލް އެސްޓޭޓު ބިލާ ބެހޭ ގޮތުން ސުވާލުކުރުމަށް ފިނޭންސް މިނިސްޓްރީއާއި ބަންޑާރަނައިބުގެ އޮފީސް ހިމެނޭ ގޮތަށް ކަމާ ގުޅުންހުރި އިދާރާތައް ހާޒިރުކުރަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީން ނިންމައިފިއެވެ. އަދި ބިލަށް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ޚިޔާލު ހޯދުމަށް ވެސް ކޮމިޓީން މިއަދު ނިންމިއެވެ.
ކޮމިޓީން ކުރިން ނިންމާފައިވަނީ ކަމާ ގުޅުންހުރި ފަރާތްތަކުން ލިއުމުން ޖަވާބު ހޯދުމަށެވެ. ނަމަވެސް މިއަދުގެ ބައްދަލުވުމުގައި އިދާރާތައް ހާޒިރުކުރުމަށް ވިލިނގިލި ދާއިރާގެ ޕީއެންސީ މެންބަރު ޢާޒިމް ޢަބްދުލްޢަޒީޒް ހުށަހެޅުއްވިއެވެ. މެދުހެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ނާސިޙް ތާއީދުކުރެއްވުމުން އެ ހުށަހެޅުން ފާސްވިއެވެ.
ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ހުށަހެޅުއްވީ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. އެ ހުށަހެޅުމަށް ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ތާއީދުކުރެއްވިއެވެ. މި ހުށަހެޅުން ވޭތުވެދިޔަ ބުރާސްފަތި ދުވަހު ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ޙުސައިން ސަމީރު ހުށަހެޅުއްވި ނަމަވެސް، އެ ދުވަހު ތާއީދެއް ނުލިބުނެވެ.
ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު އައިފާން ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން، ޔޫއޭއީގެ އީގަލް ހިލްސްއާ އެކު ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއުގައި ބޭރު މީހުންނަށް ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ސަރަހައްދަށް ރާއްޖޭގެ ގާނޫނު ހިނގާނެއެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުންނެވެ. ފަތުރުވެރިކަމުގެ ތަންތަނުގައި ބަނގުރަލާއި އޫރުމަސް މަނާވާނެ އިރު، އެ ތަންތަނަށް ހުއްދަ ދޫކުރާނީ ޓޫރިޒަމް ގާނޫނުގެ ދަށުންނެވެ.
މި ބިލު މަޖިލީހުން ބަލައިގަނެ ކޮމިޓީއަށް ފޮނުވީ ވޭތުވެދިޔަ ބުދަ ދުވަހެވެ. ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޑިސެމްބަރު 2 ވަނަ ދުވަހާ ހަމައަށެވެ.
ކޮމެންޓު ފޮނުވާ