އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ދެމެހެއްޓިއްޖެއެވެ. އެ އަމުރަކީ ގާނޫނާ އެއްގޮތަށް ނެރެފައިވާ އަމުރެއް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ފުލުހުން ޝާހިދު ހައްޔަރުކުރީ މިމަހުގެ 2 ވަނަ ދުވަހުއެވެ. ދެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހަށް ބަންދުކުރިއެވެ. އެ ބަންދު ގޯސްކަމަށް ބުނެ ބާތިލުކޮށްދިނުމަށް ޝާހިދުގެ ފަރާތުން މިމަހުގެ 4 ވަނަ ދުވަހު ހައިކޯޓަށް ހުށަހެޅިއެވެ.
މައްސަލައިގެ ބާވަތުން ހައިކޯޓުގެ އަޑުއެހުން ބޭއްވީ ސިއްރުންނެވެ. އަމުރު ދެމެހެއްޓި ސަބަބުތަކެއް ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި އދގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ހައްޔަރުކުރީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ކެމްޕޭން ކުރައްވަމުން ދަނިކޮށެވެ.
ކޮމެންޓު ފޮނުވާ