މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ފަށައިފިއެވެ. ކަސްޓަމްސްގެ ޚިދުމަތަށް 136 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި މި ވަސީލަތްތައް ތަޢާރަފްކުރިއެވެ.
ޑްރޯންތައް ހަދިޔާކޮށްފައިވަނީ އޮސްޓްރޭލިއާ ސަރުކާރުންނެވެ. ބޮޑީ ކެމެރާތައް ފޯރުކޮށްދީފައިވަނީ އެމެރިކާ ސަރުކާރުންނެވެ.
ޖަލްސާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާޠިމަތު ދިޔާނާ ވިދާޅުވީ، މި ވަސީލަތްތަކުގެ ސަބަބުން ކަސްޓަމްސްގެ ސަރަޙައްދުތައް ބެލެހެއްޓުން ވަރުގަދަވާނެ ކަމަށެވެ. އަދި މުއައްސަސާއަށް އޮތް އިތުބާރު އިތުރުވާނެ ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
އަހަރީ ދުވަހާ ގުޅުވައިގެން ކަސްޓަމްސްގެ ތާރީޚާ ބެހޭ ފޮތެއް ވެސް ނެރުނެވެ. އެ ފޮތުގެ ނަމަކީ "އެންމެ ދުވަސްވީ މުއައްސަސާ ރެޔާއި ދުވާލު ޚިދުމަތުގައި 136 އަހަރު" އެވެ. ޖަލްސާގައި ހަތަރު އޮފިސަރަކަށް ރައީސުލްޖުމްހޫރިއްޔާގެ ކުލަ ދެއްވިއެވެ. 20 އަހަރު ޚިދުމަތްކުރި 29 އޮފިސަރަކަށް ރަން ބެޖު ދެއްވިއެވެ. އަދި 28 އޮފިސަރަކަށް ކޮމިޝަނަރ ޖެނެރަލްގެ އެވޯޑު ދެއްވިއެވެ.
ކޮމެންޓު ފޮނުވާ