ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު ވިދާޅުވީ، އެމަނިކުފާނަކީ ޒަޔަނިޒަމާއި ޔަހޫދީންނަށް ތާއީދުކުރާ ބޭފުޅެއްކަމަށް ބުނާ މީހުންނަކީ އެމަނިކުފާނު ރަނގަޅަށް ދަންނަ މީހުންކަމަށާއި، އެ ވާހަކަ ތެދެއް ނޫންކަން އެމީހުންނަށް ސާފުކޮށް އެނގޭނެކަމަށެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވިދާޅުވީ، ޒުވާން އިރުއްސުރެ، ޔުނިވަރސިޓީގައި ކިޔަވަމުން ގެންދެވި ދުވަސްވަރުވެސް ފަލަސްތީނާ އެއްކޮޅަށް މުޒާހަރާކުރައްވާފައިވާކަމަށާއި، އެމަނިކުފާނުގެ ލިޔުންތަކާއި ވާހަކަފުޅުތަކުން އެކަން ފެންނަން ހުންނާނެކަމަށެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކައިރިވެފައިވާތީ، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުގެ ހިތްވަރު ދަށްކުރުމަށް މިފަދަ ވާހަކަތައް ފަތުރަމުން ގެންދާކަމަށެވެ. ނަމަވެސް ދިވެހިން އެ ވާހަކަތައް ބަލައިނުގަންނާތީ، އެކަމާ މާބޮޑަށް ކަންބޮޑުވުމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް އެއްވެސް ގޮތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެ އަމަލުތައް ރަނގަޅުނުކުރަނީސް އިސްރާއީލު ބަލައިނުގަނެވޭނެކަމަށެވެ.
ކޮމެންޓު ފޮނުވާ