ބިދޭސީންގެ 99 އިންސައްތައިގެ ބަޔޯމެޓްރިކްސް ނަގައި ނިމިއްޖެ: ރައީސް

ބިދޭސީންގެ 99 އިންސައްތައިގެ ބަޔޯމެޓްރިކްސް ނަގައި ނިމިއްޖެ: ރައީސް

Author
އަހުމަދު
18 ނޮވެމްބަރ 2026 12:23
0

ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ ދިހަ އިނގިލީގެ ނިޝާނާއި އެހެނިހެން ބަޔޯމެޓްރިކް މައުލޫމާތު ނަގައި ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާއަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަން ބަލައިގަތް އިރު ރާއްޖޭގައި ތިބި ބިދޭސީންގެ ސައްހަ އަދަދެއް ވެސް، އެ މީހުންގެ ފުރިހަމަ މައުލޫމާތެއް ވެސް ސަރުކާރުގައި ނެތް ކަމަށެވެ.

ފާއިތުވި ސަރުކާރުތައް ވެރިކަމަށް އައީ ބިދޭސީންގެ މައްސަލަ ހައްލުކުރާނެ ކަމަށް ވައުދުވެގެން ކަމަށާއި، ނަމަވެސް މި ސަރުކާރުން އެކަމުގައި ފިޔަވަޅުތައް އަޅަމުން ދަނީ އިހުލާސްތެރިކަމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ. ބަޔޯމެޓްރިކްސް ނަގަން ބާކީ ހުރީ އެންމެ އެއް އިންސައްތަ ކަމަށާއި، މި ފެންވަރުގެ ނަތީޖާއެއް ހޯދާފައިވަނީ ދުނިޔޭގެ ވަރަށް މަދު ޤައުމުތަކަކުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު ބިދޭސީން ހޯދައި، އެ މީހުން އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމަށް ގިނަ އޮޕަރޭޝަންތަކެއް މިހާތަނަށް ހިންގާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނާ ގޮތުގައި، ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ހިންގަމުންދާ ހާއްސަ އޮޕަރޭޝަންތަކުގެ މައިގަނޑު މަގުސަދަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ދެނެގަނެ، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.