ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަންކުރަން ޖޭއެސްސީން ލަފާދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ސަމީރު އައްޔަންކުރަން ޖޭއެސްސީން ލަފާދީފި

Author
އަހުމަދު
17 ނޮވެމްބަރ 2026 03:12
0

 

ސުޕްރީމް ކޯޓުގައި އަންނަ މަހު ހުސްވާ ފަނޑިޔާރުކަމުގެ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދީފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު އަންނަ މަހު ރިޓަޔާކުރައްވާތީ ހުސްވާ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމެވެ. ދެ ބޭފުޅުންނާވެސް އިންޓަވިއު ކުރުމަށްފަހު، ސަމީރު އައްޔަންކުރުމަށް ލަފާދޭން ޖޭއެސްސީން ނިންމި ކަމަށް 'ދައުރު' އަށް އެނގިފައިވެއެވެ. އެހެންނަމަވެސް، އެ ނަން އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އައްޔަންކުރާނީ، ޖޭއެސްސީން ފޮނުވާ ނަންތަކުގެ ތެރެއިން ރައީސް ހޮވައިދޭ ނަމަކަށް މަޖިލީހުން ރުހުން ދިނުމުންނެވެ. މަޖިލީހުން ފާސްކުރާތާ ހަތް ދުވަހުގެ ތެރޭގައި ރައީސް އެ ބޭފުޅަކު އައްޔަންކުރައްވަން ޖެހެއެވެ.

ސަމީރު އެންމެ ފަހުން ހުންނެވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމުގައެވެ. 2022 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރެއްވި އޭނާ، 2024 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އޭގެ ކުރިން 2011 އިން 2022 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓަކާ ހަވާލުވި ކަމަށް ބުނާ މައްސަލައެއް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ.

ސަމީރު އައްޔަންކުރެވިއްޖެނަމަ، މިއީ މި ރިޔާސީ ދައުރުގައި ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗަށް އަންނަ ފަސްވަނަ ބަދަލެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.