ފަނަރަ ބުރީގެ ވަޤްފު އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

ފަނަރަ ބުރީގެ ވަޤްފު އިމާރާތެއް ބިނާކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްފި

Author
އަހުމަދު
17 ނޮވެމްބަރ 2026 03:08
0

 

ކީރިތި ޤުރްއާނާ ބެހޭ ވަޤްފު އިމާރާތް "ދާރުއްނޫރު" ބިނާކުރުމުގެ މަޝްރޫޢު އިސްލާމިކް މިނިސްޓްރީން މިއަދު އިފްތިތާޙްކޮށް، އިމާރާތުގެ ކުރެހުން ފުރަތަމަ ފަހަރަށް ހާމަކޮށްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙްކުރިއެވެ. މި އިމާރާތުން ލިބޭ އާމްދަނީ ހޭދަކުރާނީ ކީރިތި ޤުރްއާނުގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމަށެވެ. މިނިސްޓްރީން ބުނީ، ވަޤްފުގެ ދާއިރާ ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މި އިމާރާތް ބިނާކުރާނެ ކަމަށެވެ.

ފަނަރަ ބުރީގެ މި އިމާރާތުގައި އޮފީސްތަކާއި ކޮމާޝަލް ސަރަހައްދުތައް، ހޯލެއް، މީޓިންގ ރޫމްތައް، ލައިބްރަރީއެއް އަދި ރެސްޓޯރެންޓެއް ހިމެނޭނެއެވެ. އިމާރާތުގެ ހުރިހާ ބައިތަކުން ވެސް ފައިދާ ލިބޭނެ ގޮތަށް އެ އިމާރާތް ފަރުމާކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މަޝްރޫޢަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައެވެ. އިމާރާތުގެ ޢަމަލީ މަސައްކަތް އަންނަ ޖަނަވަރީ މަހު ފެށުމަށް ތައްޔާރީތައް ހިންގަމުން ދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުގައި "ދާރުލްއަރްޤަމް" އާއި "ދާރުއްސަލާމް" ވަޤްފު މަޝްރޫޢުތަކުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ. މި މަޝްރޫޢުތައް ނިމުމުން، ދައުލަތުގެ ބަޖެޓަށް ބަރޯސާ ނުވެ އިސްލާމީ ދާއިރާގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.