ރަސްމާލެ މަޝްރޫއާ ގުޅިގެން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ފެތުރޭ ގޮތަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާތީ ރަސްމާލެ ތަރައްގީކުރާނީ ވެސް އިސްލާމީ މާހައުލެއްގައި ކަމަށެވެ. އެ ރަށުގައި ރާއާއި އޫރުމަސް ގެންގުޅުމުގެ ހުއްދަ ނުލިބޭނެ ކަމަށާއި، މިސްކިތްތައް ބިނާކޮށް ފަސްވަގުތު ބަންގި ގޮވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބޭރުގެ ފަރާތެއްގެ ކޮންޓްރޯލުގައި ހިނގާ އެއްވެސް ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް ރަސްމާލޭގައި ނުހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުވާނެ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، މި މަޝްރޫއު ކުރިއަށް ގެންދާނީ ގައުމީ ސިޔާދަތަށް އުނިކަމެއް ނާންނާނެ ގޮތަށާއި ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ދަރަނީގެ ބުރައެއް ނެތި، ފިއުޗާ ރެވެނިއު ބޭނުންކޮށް ނުވަތަ އިންވެސްޓަރުންނަށް ބިން ދޫކުރާ އުސޫލުން ކުރިއަށް ގެންދާ މި މަސައްކަތުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ އިސް އަމާޒަކީ ކޮންމެ ރައްޔިތަކަށް ވެސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުން ކަމަށް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ތާރީހީ މިންވަރަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ