ށ. ފުނަދޫގައި އަމިއްލަ ފަރާތަކުން ހިންގާ ޕެޓްރޯލް ޝެޑެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ގެއެއްގައި ދިރިއުޅޭ 11 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އެ މީހުންނަށް ފަސް ދުވަހުގެ މުއްދަތަށް ދިރިއުޅުމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. ހާދިސާގައި ފަސް ގޭބިސީއަކަށް އަސަރުކުރުމާއި ގުޅިގެން، ރައްކާތެރިކަމުގެ ގޮތުން 33 މީހަކު އެހެން ތަންތަނަށް ބަދަލުކޮށްފައިވެއެވެ.
އަލިފާން ރޯވީ އިއްޔެ ހެނދުނު 8:30 ހާއިރުއެވެ. އަލިފާން މުޅިން ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރުއެވެ. ޓޭންކު ގޮވުމުން 200 ފޫޓު ވަރަކަށް ދުރަށް އެއްޗެހި ބުރައިގެން ދިޔަ ގަޑީގައި ބައެއް މީހުން ފިހިފައިވެއެވެ.
ހާދިސާއާ ގުޅިގެން 18 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު، އޭގެ ގިނަ ބަޔަކީ ދުމުގެ އަސަރުކޮށްގެން ފަރުވާ ދިން މީހުންނެވެ. އެ މީހުންގެ ތެރެއިން 14 މީހަކު ދޫކޮށްލާފައިވާއިރު، އަދިވެސް ފަރުވާ ދެމުންދާ ހަތަރު މީހުންގެ ހާލު ސީރިއަސް ނޫނެވެ.
ކޮމެންޓު ފޮނުވާ