ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ކަށްވަޅުތަކަށް ފެން އަރާތީ، އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލައި، ވަޅުލުން ވަގުތީ ގޮތުން މާލެ އާސަހަރާއަށް ބަދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން މިއަދު ޝާއިޢުކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލޭ ސަހަރާގައި ވަޅު ކޮނުމުން ކަށްވަޅުގެ ތެރޭގައި އަށް އިންޗިއާއި ނުވަ އިންޗިއާ ދެމެދަށް ފެން އޮންނާތީ، އެ ސަހަރާގައި ވަޅުލުން ހުއްޓާލަން ނިންމި ކަމަށެވެ. އެހެންކަމުން، މިހާރު މައްޔިތުން ވަޅުލަމުން އަންނަނީ މާލެ އާސަހަރާގައެވެ.
މާލެ ސަރަހައްދުގައި މީހުން ވަޅުލަނީ މާލެ އާސަހަރާއާއި ހުޅުމާލޭ ސަހަރާގައެވެ. މާލެ އާސަހަރާ މިސްކިތް ތަރައްޤީކުރުމަށް ބަންދުކޮށްފައި އޮތް ދުވަސްވަރު، މާލެ އަދި ހުޅުމާލޭގައި މަރުވާ މީހުން ވަޅުލަމުން އައީ ހުޅުމާލޭ ސަހަރާގައެވެ.
މިއީ ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވިއްސާރަ ދުވަސްވަރެކެވެ. މީގެ ކުރިން ވެސް ބޯކޮށް ވާރޭވެހުމާ ގުޅިގެން މިފަދަ ބަދަލުތައް ގެނެސްފައިވެއެވެ.
ކޮމެންޓު ފޮނުވާ