ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ފުރަތަމަ ލޭޑީ ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާ މާލެ ވަޑައިގެންފިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަށް، މި މަހުގެ 20 އިން 22 އަށް ކުރެއްވި މި ދަތުރުފުޅަކީ، ދެ ޤައުމުގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުނު މުނާސަބަތާ ދިމާވި ދަތުރުފުޅެކެވެ. ދަތުރުފުޅުގައި ރައީސް، ބޮޑުވަޒީރާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާއި އެ ޤައުމުގެ އެހެން އިސްވެރިންނާ ބައްދަލުކުރެއްވިއެވެ.
ދަތުރުފުޅުގައި އެކި ދާއިރާތަކާ ގުޅޭ 20 ފަހުމުނާމާއާއި އެއްބަސްވުމެއް ބަދަލުކުރެވުނުއިރު، އަންނަ ދެ އަހަރުތެރޭ ދެ ޤައުމުގެ ވިޔަފާރި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވެސް ދެ ފަރާތުން ޢަޒުމްކުރިއެވެ. އަދި މާލެއާއި ކަރާޗީއާ ދެމެދު މޯލްޑިވިއަނުން ވަރަށް އަވަހަށް ސީދާ ދަތުރުތައް ފަށާނެކަން ރައީސް އިޢުލާންކުރެއްވިއެވެ.
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދާ މަޝްރޫޢަށް އެހީވުމަށް، 100,000 ޒައިތޫނި ގަހުގެ ކުރިއާއި 100,000 މުޑުވައް ހަދިޔާކުރަން ޕާކިސްތާނުން ނިންމާފައިވެއެވެ.
ކޮމެންޓު ފޮނުވާ