ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ވެހުނު ބޯ ވާރޭގެ ސަބަބުން ހދ.، ނ.، ބ. އަދި ޅ. އަތޮޅުގެ ރަށްތަކެއްގައި ފެންބޮޑުވެ، ގޭގެއަށް ފެންވަދެ ގެއްލުންތައް ލިބިފައިވާއިރު، ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތަކާ ގުޅިގެން ފުލުހުން ދަނީ އެ ރަށްރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފުލުހުން ބުނީ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހދ. އަތޮޅަށް ކަމަށެވެ. ހދ. ނޮޅިވަރަމުގައި 20 ގެއަކަށް ފެންވަދެފައިވާއިރު، ހާލަތު ގޯސްވި ތިން ގެއެއްގެ މީހުން ރައްކާތެރި ގެތަކަށް ބަދަލުކޮށްފިއެވެ. އެ ރަށުގެ މަގުތަކުން ފެންހިންދުމަށް ހަތަރު ކޯރު ކަނޑާފައިވާއިރު، ފަސްވަނަ ކޯރު ކެނޑުމުގެ މަސައްކަތް ކުރަމުންދެއެވެ. ހދ. ނޭކުރެންދޫގައި ފެންވަދެފައިވާ ތިން ގެއަކާއި ފިހާރައެއްގައި ފުލުހުން ވެލިބަސްތާ ޖަހާފައިވާއިރު، ކުމުންދޫ، ފިނޭ، ނޮޅިވަރަންފަރު އަދި ކުޅުދުއްފުށީގައިވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ޅ. ކުރެންދޫ، ހިންނަވަރު އަދި ނައިފަރުގައި މިއަދު ހެނދުނު 09:30 އިން ފެށިގެން ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެންހިންދުމާއި، ގޭގެއަށް ވެލިބަސްތާ ޖެހުމާއި، ގޭގެއިން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދެއެވެ. ބ. ކުޑަރިކިލުގައިވެސް ކައުންސިލުން އިސްނަގައިގެން ފެންހިންދުމުގެ މަސައްކަތް ފަށާފައިވާއިރު، ނ. ލަންދޫގައި ފެންވަދެފައިވާ ގެތަކުގެ ވަށައިގެން ލަންދޫ ޕޮލިސް ޕޯސްޓުން ވެލިބަސްތާ ޖަހައިދީފިއެވެ.
ކޮމެންޓު ފޮނުވާ