އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްޢައްބާރަށް ރައްދުދިނުމަކީ ރާއްޖެއަށް އިންވެސްޓްމަންޓް ލިބުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމް އެކަމަށް ޖަވާބު ދެއްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތާއީދު ލިބިވަޑައިގެންފައިވާ ފައިސަލް ވިދާޅުވީ، އެކަލޭގެފާނަކީ ބޭރުގެ އިންވެސްޓްމަންޓާ ދެކޮޅު ބޭފުޅެއް ނޫން ކަމަށާއި، ގައުމުގެ ތަރައްގީގައި ބޭރުގެ އިންވެސްޓްމަންޓަށް ބޮޑު ދައުރެއް ހުރި ކަމަށެވެ.
ނަމަވެސް ރަސްމާލެ މަޝްރޫއަކީ ގައުމަށް ފައިދާހުރި މަޝްރޫއެއް ނަމަ، އޭގެ ޝަރުތުތަކާއި އެއްބަސްވުންތަކާއި، ދިގު މުއްދަތުގައި ކުރާނެ އަސަރުތައް ރައްޔިތުންނަށް ފުރިހަމައަށް ހާމަކުރަން ޖެހޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އިގްތިސާދީ ފައިދާއަށްވުރެ ރައްޔިތުންގެ ނިންމުމާއި، ދައުލަތުގެ މިނިވަންކަމާއި ސިޔާދަތަށް އިސްކަންދޭން ޖެހޭނެ ކަމަށް އެކަލޭގެފާނު ފާހަގަކުރެއްވިއެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސްއަށް ދޭން ނިންމުމާ ގުޅިގެން، އެ ކުންފުނީގެ ޗެއާމަނަށް ފުރައްސާރަކޮށް ވާހަކަ ނުދެއްކުމަށް ނަޝީދު ވަނީ ޕާޓީގެ މެމްބަރުންނަށް ނުސީދާ ގޮތަކަށް އިންޒާރު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ