ރާއްޖޭގެ 11 ރަށެއްގައި އައިސްޕްލާންޓު ޤާއިމުކުރުމަށް ފިޝަރީޒް މިނިސްޓްރީން މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ މަޤްޞަދަކީ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ ގޮތް ހޯދައިދިނުން ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކޮންމެ ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓަކާއެކު 50 ޓަނުގެ އައިސް ރައްކާކުރެވޭނެ ފެސިލިޓީއެއް ޤާއިމުކުރާނެ އެވެ. އައިސްޕްލާންޓުތައް އަޅާނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، އއ. ރަސްދޫ، ކ. ގާފަރު، މ. މުލައް، ދ. ހުޅުދެލި، ގއ. ނިލަންދޫ، ގއ. ވިލިނގިލި، ގއ. މާމެންދޫ އަދި ގދ. ރަތަފަންދޫގަ އެވެ. މަޝްރޫއުގެ ޖުމްލަ ޚަރަދު ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އަލްޓަސް އަކީ ކަނޑުދަތުރާއި ލޮޖިސްޓިކްސް ދާއިރާގައި ހިދުމަތްދޭ، މެލޭޝިއާގެ ޕެޓްރޮނާސް ފަދަ ބޮޑެތި ހަކަތައިގެ ކުންފުނިތަކާ މަސައްކަތްކުރާ ކުންފުންޏެކެވެ. ކަނޑުގެ އިންޖިނިއަރިންގާއި ލޮނުފެން ފިނިކުރުމުގެ ދާއިރާގައި ވެސް އެ ކުންފުންޏަށް ތަޖުރިބާ ހުރެ އެވެ.
ނަމަވެސް އާ އައިސްޕްލާންޓުތައް އެޅުމަކީ ސަރުކާރުން ކުރިން ހާމަކުރި ސިޔާސަތާ ތަފާތު ކަމެކެވެ. މިދިޔަ އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވީ، 50 ފޫޓަށް ވުރެ ބޮޑު ދޯނިތަކުގައި ފެން ފިނިކުރާ ނިޒާމު ހަރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށާއި، މުޅި މަސް ފްލީޓުގައި އެ ނިޒާމު ހަރުކުރެވުމުން އެއްގަމުގެ އައިސްޕްލާންޓުތަކަށް ބަރޯސާވުން އެއްކޮށް ނިމުމަކަށް ގެނެވޭނެ ކަމަށެވެ. އައިސް ހޯދަން ދޯނިތައް ދުއްވުމަށް ތެލަށް ވަރަށް ބޮޑު ޚަރަދެއް ކުރަން ޖެހޭ ކަމަށް ވެސް ޝިޔާމް އެ ދުވަހު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ