ފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދައަށް ގޮތާބަޔާ ކޯޓަށް

ފަރުވާއަށް ސިންގަޕޫރަށް ދިއުމުގެ ހުއްދައަށް ގޮތާބަޔާ ކޯޓަށް

Author
އަހުމަދު
17 އޮކްޓޯބަރ 2026 01:44
0

 

ސިންގަޕޫރުގައި ކުރެއްވި ހިތުގެ އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާ ހޯއްދެވުމަށް ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމަށް އެދި، ސްރީލަންކާގެ ކުރީގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ކޯޓަށް އެދިވަޑައިގެންފިއެވެ.

ލަންކާގެ މީޑިއާތަކުގައިވާ ގޮތުން، ގޮތާބަޔާގެ މައްޗަށް އޮތް ފުރުން މަނާކުރުމުގެ އަމުރު ވަގުތީ ގޮތުން އުވާލުމަށް ހުށަހެޅި މި މައްސަލައިގައި ކޯޓުން އަދި ނިންމުމެއް ނިންމާފައެއް ނުވެއެވެ.

ގޮތާބަޔާ ފުރުން މަނާކޮށް ކޯޓުން އަމުރު ނެރުނީ މިދިޔަ ޖޫން 3 ގައެވެ. އެ އަމުރު ނެރުނީ 2019 ވަނަ އަހަރު ތިން ފައްޅިއަކާއި ތިން ހޮޓަލަކަށް ދިން "އީސްޓާ ސަންޑޭ" ހަމަލާތަކުގެ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ސީއައިޑީން ބުނުމުންނެވެ. 270 އަށް ވުރެ ގިނަ މީހުން މަރުވި އެ ހަމަލާތަކުގެ ތަހުގީގު މިހާރުގެ ސަރުކާރުން އަލުން ފެށީ، ކުރިން ސިޔާސީ ނުފޫޒު ފޯރުވައިގެން މައްސަލަ ވަޅުލާފައިވާ ކަމަށް ތުހުމަތުކުރުމަށް ފަހު، 2024 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. މި މައްސަލައިގައި ކާނަލް މުހައްމަދު އަންސާރާއި ކުރީގެ އިންޓެލިޖެންސް އޮފިސަރު ޕްރޭމާނަންދަ އުދަލަގަމަ ވެސް ފުރުން މަނާކޮށްފައިވެއެވެ.

މިއާއެކު، ރާޖަޕަކްސަ އާއިލާއަށް ގާނޫނީ އަދި ސިއްހީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ މި ހަފުތާގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު، އޭނާގެ އަނބިކަނބަލުން ޝިރަންތީ ރާޖަޕަކްސަ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން މިދިޔަ ހަފުތާގައި ހައްޔަރުކުރިއެވެ. ނަމަވެސް ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަންނަވާތީ، ޝިރަންތީ ބަންދުން ދޫކޮށްލަން މިއަދު ކޯޓުން އަމުރުކޮށްފިއެވެ. މަހިންދަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ ވެސް ރިޝްވަތުގެ މައްސަލައެއްގައި އަންނަ ހުކުރު ދުވަހާ ހަމައަށް ބަންދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.