އަމާޒަކީ ދިވެހިންނަށް ސީދާ ފައިދާ ލިބޭ ގޮތަށް މަޝްރޫޢުތައް ހިންގުން: އަލައްބާރު

އަމާޒަކީ ދިވެހިންނަށް ސީދާ ފައިދާ ލިބޭ ގޮތަށް މަޝްރޫޢުތައް ހިންގުން: އަލައްބާރު

Author
އަހުމަދު
08 އޮކްޓޯބަރ 2026 07:00
0

 

ރަސްމާލޭގައި ތަރައްޤީކުރަން ރާވާފައިވާ "މޯލްޑިވްސް ވޯޓަރފްރޮންޓް އެންޑް މެރީނާ" މަޝްރޫޢުގެ ފައިދާ ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ސީދާ ފޯރުކޮށްދިނުމަކީ އަމާޒު ކަމަށް އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް އިންވެސްޓްކުރުމަކީ މަޖުބޫރު ކަމެއް ނޫން ނަމަވެސް، ދިވެހިންނަށް ފުރުސަތުތައް ހޯދައިދިނުމަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލައްބާރު މިހެން ވިދާޅުވީ، މި މަޝްރޫޢާ ބެހޭގޮތުން ދިވެހި ވިޔަފާރިވެރިންގެ ޚިޔާލު ހޯދުމަށް ޑުސިޓް ޑީ2 ފޭދުއްފިނޮޅުގައި ބޭއްވި ބައްދަލުވުމުގައެވެ. ސަރުކާރުގެ ވަޒީރުންނާއި އިސް އޮފިޝަލުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިންނާއި ބޮޑެތި ވިޔަފާރިވެރިން އެ ބައްދަލުވުމުގައި ބައިވެރިވިއެވެ.

ދުނިޔޭގެ 20 ޤައުމެއްގައި 450 ބިލިއަން ޑޮލަރުގެ މަޝްރޫޢުތައް ހިންގާފައިވާ އަލައްބާރު ވިދާޅުވީ، އޭނާގެ އިންވެސްޓްމަންޓް ފަލްސަފާއަކީ ބޭރުގެ އިންވެސްޓަރުންނަށް ފައިދާ ހޯދުމަށްވުރެ، މަޝްރޫޢު ހިންގާ ޤައުމުގެ ރައްޔިތުންނަށް ފައިދާ ފޯރުކޮށްދިނުން ކަމަށެވެ. އެހެން ޤައުމުތަކުގައި މަސައްކަތްކުރުމުގައިވެސް 100 އިންސައްތަ އެ ޤައުމުތަކުގެ ރައްޔިތުން ބައިވެރިކުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގައި ރާއްޖޭގެ ފުރަތަމަ ފަހަރަށް ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ސީދާ އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލުމަށް ރާވާފައިވާ ކަމަށް އަލައްބާރު ވިދާޅުވިއެވެ. ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ސަރުކާރާ ގުޅިގެން، މަޝްރޫޢުގެ އަމަލީ މަސައްކަތް އެންމެ އަވަހަށް ފެށުމަކީ ކުންފުނީގެ އަމާޒު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.