މަގާމުގެ ނުފޫޒު ނާޖާއިޒުކޮށް ބޭނުންކުރި ކަމުގެ ތުހުމަތުގައި ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ފުލުހުން ފައިލްކޮށްފި އެވެ. މައްސަލައިގެ ތަހުގީގުގައި ހޯދި ހެކި ދިރާސާކުރިއިރު ޖިނާއީ ކުށެއް ހިނގާފައިވާކަމަށް ނުބެލެވޭތީ އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާތީ މައްސަލަ ފައިލްކުރި ކަމަށް ފުލުހުން ބުނެއެވެ.
މި ނިންމުމާ ގުޅިގެން މަހާޒު ވިދާޅުވީ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަކީ ވަކި ބޭނުމަކަށް ނުހައްގުން މަގާމުން ވަކިކުރުމަށް ބަޔަކު ކުރި ކަމެއްކަން މިހާރު ސާބިތުވެއްޖެ ކަމަށެވެ. މައްސަލަ ބެލި އިދާރާތަކުގައި އިޚްލާސްތެރިކަން ހުރި ނަމަ، ސަސްޕެންޑު ނުކޮށް ވެސް މައްސަލަ ބެލެން އޮތް ކަމަށާއި ވަކިކުރުމުގެ ކުރިން ވެސް މައްސަލަ ފައިލްކުރެވެން އޮތް ނަމަވެސް ވަކި މަގްސަދެއްގައި އެކަން ނުކުރި ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މަހާޒާއި އަޒްމިރަލްދާ އާއި ފަނޑިޔާރު ހުސްނުއްސުޢޫދު ކުއްލިއަކަށް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ 26 ގައެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުތަކާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދިޔަ، ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެކެވެ.
ކޮމެންޓު ފޮނުވާ