އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިޤްތިސާދީ ވަޒީރު ފައްޔާޒް އިސްމާއިލް އިއްޔެ އިންޑިއާއަށް ވަޑައިގެންފި އެވެ.
ފައްޔާޒް އިންޑިއާއަށް ފުރާވަޑައިގަތީ މާލެއިން ކަމަށާއި، ނަޝީދު ފުރާވަޑައިގަތީ ބަންގްލަދޭޝްގެ ދާކާއިން ކަމަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކަ އެވެ. ނަޝީދު ދާކާއަށް ވަޑައިގަތީ "ބޭ އޮފް ބެންގާލް ކޮންވަޒޭޝަން 2026″ ގައި ބައިވެރިވެވަޑައިގަތުމަށް ކަމަށާއި، އެ ބައްދަލުވުން މިހާރު ނިމިފައިވެ އެވެ.
މި ދަތުރުގެ މަޤްޞަދު އެމްޑީޕީއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް، ދަތުރުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެ އެވެ.
މި ދަތުރު ކުރައްވާފައިވަނީ، ވޭތުވެދިޔަ ހޮނިހިރު ދުވަހު އެމްޑީޕީގެ ފަސްވަނަ ކޮންގްރެސް ނިމުމަށް ފަހު އެވެ. އެ ކޮންގްރެސްގައި ޕާޓީގެ އަސާސީ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، "ބޮޑު ބަދަލު" އަދި ލާމަރުކަޒީ ސިޔާސަތު ފާސްކުރި އެވެ. އެންމެ ބޮޑު ބަދަލަކީ ޕާޓީގެ ރައީސްގެ މަޤާމު އުވާލައި، ޕާޓީގެ އެންމެ އިސް ފަރާތަކަށް ޗެއާޕާސަން ހެދުމެވެ. މި ބަދަލު ގެނައީ ރައީސާއި ޗެއާޕާސަންގެ މެދުގައި ހިނގާ ބާރުގެ ކުރެކި ނައްތާލުމަށެވެ.
ނަޝީދާއި ފައްޔާޒަކީ އެމްޑީޕީ ތެރޭގައި އެއްބައިވެގެން މަސައްކަތްކުރައްވާ ދެ ބޭފުޅުންނެވެ. 2028 ގެ ރިޔާސީ އިންތިޚާބުގައި ފައްޔާޒް ވާދަކުރެއްވުމަށް ވެސް އެ ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
ކޮމެންޓު ފޮނުވާ