ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާންތައް ދޫކުރުމާ ރައީސް އޮފީހުން ދެކޮޅު ހަދާ ކަމަށް ޝާއިއުކުރި ހަބަރަކީ ދޮގު ހަބަރެއް ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި މުންދު ވިދާޅުވީ، 6 އޮކްޓޫބަރުގައި "އަދަދު" ނޫހުން ޝާއިއުކުރި ޚަބަރުގައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެއް ކަމަށެވެ.
މުންދު ވިދާޅުވީ، ރައީސްގެ އެސެޓް ޑެކްލަރޭޝަން ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޕީ.ޑީ.އެފް ގޮތުގައި ބަހައްޓާފައިވާއިރު، އެއީ ބަލަން ބޭނުންވާ ކޮންމެ މީހަކަށްވެސް ފަސޭހައިން ޑައުންލޯޑް ކުރެވޭނެ މައުލޫމާތެއް ކަމަށެވެ. މި މައުލޫމާތު ވެބްސައިޓުގައި ހުންނާނެކަން ރައީސް އޮފީހުން ކުރިންވެސް މީޑިއާ މެދުވެރިކޮށް އިއުލާން ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސާއި ސަރުކާރާ ގުޅޭ ގޮތުން "އަދަދު" ނޫހުން ސިޔާސީ މަގުސަދެއްގައި ދޮގު ހަބަރުތައް ފަތުރަމުން ދާ ކަމަށް ވިދާޅުވި މުންދު، އެފަދަ ހަބަރުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކުރުމުގައި ރައީސް އޮފީހުން ފަސްނުޖެހޭނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ