މި އަހަރު މިހާތަނަށް ދައުލަތުން ކުރި ޖުމްލަ ހަރަދު 35.456 ބިލިއަން ރުފިޔާއަށް އަރައިފިއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 30.008 ބިލިއަން ރުފިޔާއަށްވުރެ 18.2 އިންސައްތަ ބޮޑު އަދަދެއް ކަމަށް މާލިއްޔަތު ވުޒާރާއިން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ބުނެފައިވެއެވެ.
ހަރަދުގެ ގިނަ ބައެއް ހިނގާފައިވަނީ ހިންގުމުގެ ހަރަދަށް ކަމަށާއި، އެ ހަރަދު 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ރިޕޯޓުގައި ވެއެވެ. އިދާރީ އަދި ހިންގުމުގެ ހަރަދު 23.8 އިންސައްތަ އިތުރުވެ 18.539 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރި ހަރަދު 14.1 އިންސައްތަ އިތުރުވެ 5.555 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެންމެ ބޮޑަށް އިތުރުވެފައިވަނީ ސަބްސިޑީއަށް ކުރި ހަރަދެވެ. އެ ހަރަދު 75.1 އިންސައްތަ އިތުރުވެ 4.203 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު 25.1 އިންސައްތަ އިތުރުވެ 1.864 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ހިލޭ އެހީއާއި ސަބްސިޑީއަށް ކުރި ޖުމްލަ ހަރަދު 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު ވެސް 15.9 އިންސައްތަ އިތުރުވެ 4.804 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ބިމާއި އިމާރާތްކުރުމުގެ މަޝްރޫއުތަކަށް ކުރި ހަރަދު 34.1 އިންސައްތަ އިތުރުވެ 1.453 ބިލިއަން ރުފިޔާއަށް، ފާލަމާއި ބަނދަރު ހެދުމަށް ކުރި ހަރަދު 38.4 އިންސައްތަ އިތުރުވެ 333 މިލިއަން ރުފިޔާއަށް، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 37.5 އިންސައްތަ އިތުރުވެ 945 މިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ކެޕިޓަލް އިކުއިޕްމަންޓަށް ކުރި ހަރަދު ވެސް 19.6 އިންސައްތަ އިތުރުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ