އަބުޗާއަށް ޕެރޯލް ދިން މައްސަލަ ތަޙުޤީޤުކުރަން މަޖިލީހަށް ހުށަހަޅައިފި

އަބުޗާއަށް ޕެރޯލް ދިން މައްސަލަ ތަޙުޤީޤުކުރަން މަޖިލީހަށް ހުށަހަޅައިފި

Author
އަހުމަދު
07 އޮކްޓޯބަރ 2026 05:19
0

ބޮޑު މިންވަރެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ޙުކުމް ލިބިފައިވާ އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލި މައްސަލަ ތަޙުޤީޤުކޮށްދިނުމަށް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ، 19 މޭ 2025 ގައި 98 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލައިގައި 25 އަހަރުގެ ޙުކުމް ލިބިފައިވާ އަބުޗާ، މި މަހުގެ 1 ގައި ދޫކޮށްލުމަށް ޕެރޯލް ބޯޑުން ނިންމީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ޤާނޫނުގެ 131 ވަނަ މާއްދާގައިވާ ގޮތުން، މަސްތުވާތަކެއްޗާ ގުޅޭ ކުށެއްގައި ޙުކުމްކުރެވިފައިވާ މީހަކަށް ޕެރޯލް ލިބޭނީ އެންމެ ދިގު ޙުކުމުގެ ދެބައިކުޅަ އެއްބައި ތަންފީޛުކޮށް ނިމުމުންނެވެ. ނަމަވެސް އަބުޗާ ދޫކޮށްލިއިރު އެ މުއްދަތު ހަމަވެފައި ނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި 136 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތަށް، އޭނާގެ ކުށުގެ ރެކޯޑަށް އެކަށީގެންވާ ގޮތެއްގައި ބަލާފައިވާކަން ވެސް ކަށަވަރެއް ނުވެއެވެ.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙުސާން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވިއެވެ. މި ނިންމުމާ ގުޅިގެން ޕެރޯލް ބޯޑުގެ ހުރިހާ މެންބަރުން ވަނީ މަޤާމުން ވަކިކޮށްފައެވެ.

މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، މިފަދަ މައްސަލަ ތަކުރާރުވުން ހުއްޓުވުމަށްޓަކައި، ޕެރޯލް ދިނުމުގައި ޢަމަލުކުރި އިޖުރާއަތްތައް މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކުން ތަޙުޤީޤުކުރުން މުހިންމު ކަމަށް ކުޑޫ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.